ރޭގަނޑު ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ފާސްކޮށް ޤާނޫނީ ފިޔަވަޅު އަޅަނީ

ރޭގަނޑު ދަންވަރު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވައިފިއެވެ.

ރެއިން ފެށިގެން މިކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާތީ, ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00 އާއި ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ޤާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވާނީ ދަންނަވާފައި: ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ. އެހެންކަމުން، މިކަން ހުއްޓުވުމަށްޓަކައި ރޭގަނޑު 12 އިން ފެށިގެން ހެނދުނު 6 ޖެހުމާއި ހަމައަށް، އާންމު ތަންތަނުގައާއި އަދި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ އެމީހުންނާއި ސުވާލުކޮށް ހެދުމަށް ދިވެހި ފުލުހުންނަށް ވަނީ އަންގަވާފައިވާ ކަމަށެވެ.

އަދި އެމީހުންނާއި ސުވާލުކުރާއިރު ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ފާހަގަވާނަމަ އެކަމާއި ގުޅިގެން ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެފިޔަވަޅެއް އެޅުމަށް ވެސް ފުލުހުންނަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަން ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ބެލުމަށް އަންގަވާފައިވާކަމަށެވެ.

ގަލޮޅުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުންވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ، ޢާންމު އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަންކަން ކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަންކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައްޔިތުންގެ ފަރާތުން ރައީސަށް ގޮވާލާފައިވާއިރު، ރައީސް މިވަނީ އެކަމަށް ޢަމަލީ ފިޔަވަޅު އެޅުއްވުމަށް އިރުޝާދު ދެއްވާފައެވެ.

President Muizzu Orders Police to Question Foreigners After Midnight

ހިއްސާ ކުރައްވާ!