ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށް ބަރާބަރު ތިންގަޑިއިރު ހޭދަކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުން ކަމަށާއި، ވިޔަފާރިވެރިންގެ ހުރިހާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި މި ބައްދަލުވުމުގައި ކުދި އަދި މެދު ފަންތީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެވެ. ބައްދަލުވުން ފައްޓަވައި ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުމެއް، ޚިޔާލެއް ނުވަތަ މަޝްވަރާއެއް އޮތް ނަމަވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ހިއްސާކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެ ބޭފުޅުންގެ ޚިޔާލުތަކާއި މަޝްވަރާތަކަކީ އެމަނިކުފާނަށް ވަރަށް އަގުހުރި ވާހަކަތަކަކަށް ވާނެ ކަމަށެވެ.
ރައްޔިތުންގެ އެހެން ބައްދަލުވުންތަކެކޭ އެއްގޮތަށް، ވިޔަފާރިވެރިން ވަނީ ސަރުކާރުގެ ތެރެއިން ދަތިވާ ކަންކަމާއި ވިޔަފާރިތަކަށް ހުރި ހުރަސްތަކާއި، ސަރުކާރުގެ ކިބައިން އެދޭ ކަންކަން ސީދާ ރައީސްއާ ހިއްސާކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ އެ ހުރިހާ ވާހަކަތަކެއް ކަނުލައި އަޑުއައްސަވައި ނޯޓް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ބައްދަލުވުމުގައި ކޮންމެ ބޭފުޅަކު ވިދާޅުވި ކޮންމެ ވާހަކަފުޅަކީވެސް ސަރުކާރުން ރަނގަޅު ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަންކަން ކަމަށެވެ.
ރައީސް ދެއްވި ޔަޤީންކަމަކީ ޤާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ ކަމަށާއި، އަދި ޤާނޫނާއި އުސޫލުތައް ބަދަލުކޮށްގެން ވެސް ގެނެސްދެވެން އޮތް ހައްލުތައް ގެނެސްދެއްވާނެ މަކެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ވިޔަފާރިތައް ކުރިއެރުވުމަށް އެ މަގު ފަހިކޮށްދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ބައްދަލުވުމެއް ބޭއްވެވީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ހުރި މައްސަލަތައް ޙައްލުކުރެއްވުމުގެ ނިޔަތުގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ސަރުކާރުން މަސައްކަތް ކުރައްވަމުން މި ގެންދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރީންނާއި އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިތައް ކުރިއެރުވުމަށްޓަކައި ސިޔާސަތުތައް ބައްޓަންކޮށްގެން ކުރިއަށް ގެންދަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ވަނީ ސަރުކާރުގެ އެއްވެސް ސަބްސިޑީއެއް ބޭނުން ނުވާ ކަމަށާއި، މަސައްކަތްކުރާ ފައިސާ 15 ދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމެއް ހަމަޖެހިއްޖެނަމަ، ކުންފުނިތަކަށް ކުރިއަރައިގެން ދެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރޮޖެކްޓްތައް ބެހުމުގައި އިންސާފުވެރި ނިޒާމެއް ޤާއިމުކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
"އަޅުގަނޑު ދޭނެ ޔަޤީންކަމަކީ ތިޔަ ބޭފުޅުންގެ އުންމީދުތައް ބޭކާރުވިޔަކަ ނުދޭނަން ހަމަ ހަޤީޤަތުގައިވެސް. އެކަންކަމަށް ހައްލު ގެނެސްދޭން މަސައްކަތް ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.
Muizzu Meets Small Businesses, Pledges Solutions to Ease Obstacles




