ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކަސްޓަމްސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، އިސްމާއީލް އަބާން އަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަހުމަދު ދާން ފަރްހޫދު (19އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތެވެ. މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


