ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާތީ، މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ.
1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ވަނީ ނިންމަވާފައެވެ. މާދަމާއަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ފުރަތަމަ ދުވަސް ކަމަށްވާއިރު، މި ނިންމުމާއެކު މާދަމާއިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތްތައް މެދުކަނޑާލެވޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ. ފިތުރު އީދާ ގުޅިގެން މި މަހުގެ 11 އަދި 12 ގައި ވެސް ސަރުކާރު ބަންދުވާނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، ފަހު ދިހައިގެ ބަންދާއި އީދު ބަންދާ އެކު ޖުމްލަ 14 ދުވަސް ސަރުކާރު ބަންދުވާނެއެވެ. ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ މި މަހުގެ 23 ވާ ހޯމަ ދުވަހުއެވެ.
ރަމަޟާން މަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދެމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ގެނައި ހެޔޮ ބަދަލެކެވެ.





