ފުރަތަމަ 15 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 5.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ހާމަކޮށްފިއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި ޖުމްލަ 5,482,171.00 ރުފިޔާ ވަނީ ލިބިފައެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހާ އަޅާކިޔާއިރު 1.02 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4,460,199.00 ރުފިޔާއެވެ.

ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފުރަތަމަ 15 ދުވަހު ލިބުނު ފައިސާގެ މިންވަރު ވަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު 2.7 މިލިއަން ރުފިޔާ ލިބުނުއިރު، 2024 ވަނަ އަހަރު 2.6 މިލިއަން ރުފިޔާ އަދި 2025 ވަނަ އަހަރު މި އަދަދު ވަނީ 4.4 މިލިއަނަށް އަރާފައެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދުތައް:

  • އާދައިގެ ހަނޑޫ: 12ރ.
  • ތައިލެންޑް ހުދު ހަނޑޫ: 53ރ.
  • ރަތް ހަނޑޫ: 96ރ.
  • އާދައިގެ ބާސްމަތީ ހަނޑޫ: 77ރ.
  • މޮޅު ބާސްމަތީ ހަނޑޫ: 109ރ.
  • އެންމެ މޮޅު ބާސްމަތީ ހަނޑޫ: 136ރ.
  • އާދައިގެ ފުށް: 10ރ.
  • އާޓާ ފުށް: 75ރ.

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އާންމުންނަށް ލުއިފަސޭހަކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އޮންލައިން ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ބަލައިގަންނަމުންދެއެވެ. އޭގެ ތެރޭގައި ދިރާގުޕޭ، އެމްފައިސާ، ފައިސާމޮބައިލް، ބީއެމްއެލް މޯބައިލް އެޕް، ފަހިޕޭ، އަވަސް އެޕް އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް ހިމެނެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި ރަމަޟާން މަހުގެ ފަހު ދިހައިގައިވެސް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!