އިންފޮގްރެފިކް: އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ޕީއެންސީގެ ތައުރީފް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަންހެނުންގެ ވިންގުން ނެރުނު ބަޔާނެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ތައުރީފެއް ކޮށްފިއެވެ. އެ ޕާޓީން ބުނީ ސިޔާސީ، އިޤްތިސާދީ އަދި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އިޤްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލަމުން، އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނެރުމަށް ޚާއްސަ ލޯނު ސްކީމުތަކެއް ތައާރަފުކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ. މީގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުން އަލަށް ވިޔަފާރީގެ ތެރެއަށް ވަދެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށްވެސް ޕީއެންސީން ވަނީ މަރުޙަބާ ކިޔާފައެވެ. އެގޮތުން، އެ ކޮމިޓީތަކުގެ ރައީސްގެ މަޤާމަކީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރާ މަޤާމަކަށް ހަދައި، މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދީފައިވާކަން ފާހަގަކުރިއެވެ. އަދި ކައުންސިލް ބަޖެޓުން އެ ކޮމިޓީތަކަށް ދޭ ފައިސާގެ ނިސްބަތް އިތުރުކޮށްފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުގެ އެންމެ މަތީ ފަންތީގެ ނިންމުންތައް ނިންމާ ގިންތިތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުވެފައިވާ ކަމަށް ޕީއެންސީން ބުނެއެވެ. މިއީ އަންހެނުންގެ ޤާބިލިއްޔަތު ބަލައިގަނެ، ޤައުމީ ފެންވަރުގައި އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ދެކެއެވެ.

PNC Women’s Wing Praises Government’s Efforts on International Women’s Day

ސިޔާސީ ދާއިރާއަށް ބަލާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ޕީއެންސީގެ ޓިކެޓުގައި ކަމަށް އެ ޕާޓީން ބުނެއެވެ. މިއީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އެ ޕާޓީން ކުރާ އިޚްލާޞްތެރި މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކޮންގްރެސް ޕާޓީގެ އަންހެނުންގެ ގޮފިން ރާވާފައިވާ ޚާއްސަ ހަރަކާތްތައް، މިހާރު ހިނގަމުންދާ ރަމަޟާން މަހަށްފަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ އިޢުލާނުކޮށްފައެވެ.

ހިއްސާ ކުރައްވާ!