"ރިޔާސީ އިންތިހާބު މި ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ދިގުދެންމޭނެ އެއްވެސް ސަބަބެއް، ވިސްނުމަށް ވެސް އެއްވެސް ރައްޔިތެއްގެ ވިސނުމަށް ވެސް ނާނާނެ. ގާނޫނު އަސާސީގެ ވަރަށް ސާފުކޮށް އެބަބުނޭ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރު ކުރު ކުރިޔަސް ދިގު ކުރިޔަސް ރިޔާސީ ދައުރު ދިގު ކުރިޔަސް ކުރު ކުރިޔަސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސް ރައްޔިތުންނަ އޭގަ ފެންނަ ގޮތަކަށޭ ހުރިހާ ކަމެއް ނިމިގެން ދާނީ، އަނެއްކާ މީ ރިޔާސީ ދައުރަކާ އެއްވެސް ގުޅުމެއްވެސް އޮތް ވާހަކަ އެއްވެސް ދައްކާ އިންތިހާބެއް ނޫން "
ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙު
އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކީ ރިޔާސީ އިންތިޚާބާ އެއްވެސް ގުޅުމެއް އޮތް ވޯޓެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު މިހެން ވިދާޅުވީ 'ދަ ގްރޭޓަރ އައްޑޫ ވިޝަން' ގެ ތަފްސީލު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ، ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވައިގެން ރިޔާސީ ދައުރު ދިގުދެންމޭނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެއީ އެއްވެސް ރައްޔިތެއްގެ ވިސްނުމަށް ވެސް އަންނާނެ ކަމެއް ނޫން ކަމަށެވެ. ގާނޫނުއަސާސީގައި އެކަން އޮތީ ވަރަށް ސާފުކޮށް ކަމަށާއި، މަޖިލީހުގެ އުމުރު ނުވަތަ ރިޔާސީ ދައުރު ކުރުކުރިޔަސް ނުވަތަ ދިގުކުރިޔަސް، އެކަން ނިންމޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެމްޑީޕީން މި ވޯޓަކީ ރިޔާސީ ދައުރު ދިގުދަންމާލަން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރާތީ އެކަމަށް ރައްދު ދެއްވަމުން ފަލާހު ވިދާޅުވީ، "އަނެއްކާ މީ ރިޔާސީ ދައުރަކާ އެއްވެސް ގުޅުމެއްވެސް އޮތް ވާހަކައެއް ދައްކާ އިންތިހާބެއް ނޫން" ކަމަށެވެ. އަދި އިންތިހާބުތައް އެއްކޮށްލުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ ރައްޔިތުން ވެސް އިއްތިފާގުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
Falah: Referendum on Same‑Day Elections Has No Link to Presidential Term
ލޯކަލް ކައުންސިލް އިންތިޚާބުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުންވާ ވެރިންނަށް ކައުންސިލް އިންތިހާބަކީ ވަރަށް ބޮޑު އިންތިހާބެއް ކަމަށެވެ. ސަބަބަކީ ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކައުންސިލަރުންގެ ފަރާތުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އެންމެ މުހިންމު ތިން މަގާމު އެމަނިކުފާނު ފުރުއްވާފައިވާތީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވަނީ އެ ތަޖުރިބާގެ އަލީގައި ކަމަށެވެ. އަދި މާޒީގައި ސިޔާސީ ބޭފުޅުން ކައުންސިލް އިންތިހާބަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވި ނަމަވެސް، ރައީސް މުއިއްޒުގެ ވިސްނުންފުޅު އެކަމުގައި ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ރައީސް މުއިއްޒަށް މުހިންމު ވަނީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތަކާ އެއްގޮތަށް މުޅި ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުއިކުރުމަށް ކަމަށެވެ. މާޒީގެ ވެރިކަންތަކުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ވިސްނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުގެންގުޅޭތީ އިންތިހާބުތަކަށް ދޭ ސަމާލުކަން ކުޑަވި ނަމަވެސް، މި ސަރުކާރުން އެކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.


