ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ އަމިއްލަވަންތަ ފަންނުތަކާއި ނެތެމުންދާ ދާއިރާތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިއަދު ހެނދުނު 11:00 ގައި އެމް.އެން.އެސް.ޑީ.އޭ ގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް މުޙައްމަދު އަޙްމަދެވެ.

MoU Signed to Strengthen Maldivian Traditional Medicine Sector

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖްތައް ތައްޔާރުކުރުމެވެ. މީގެ އިތުރުން، މި ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މި އެއްބަސްވުމުގެ އަމާޒެކެވެ.

މި ފަހުމުނާމާގެ ދަށުން، ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ޚާއްސަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އެގޮތުން އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މިފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރައްވާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެމް.އެން.އެސް.ޑީ.އޭ އިން ދަނީ ރާއްޖޭގެ މިފަދަ ޚާއްސަ ދާއިރާތަކަށް ބޭނުންވާ ފަންނީ މިންގަނޑުތައް އެކުލަވާލައި، މީހުން ބިނާކުރުމުގެ މަސައްކަތް ހަރުދަނާކުރަމުންނެވެ.

ހިއްސާ ކުރައްވާ!