ކްރިސްމަސްއާއި އައު އަހަރަށް ތަހުނިޔާ ކިޔުމާ ގުޅޭ ގޮތުން، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާގެ އައު ފަތުވާއެއް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކްރިސްމަސް އާއި އައު އަހަރު ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި، މުސްލިމް ނޫން މީހުންނަށް އެމީހުންގެ ދީނީ އީދުތަކުގައި ތަހުނިޔާ ކިޔުމަކީ އިސްލާމީ ޝަރީއަތުގައި މަނާކަމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް އަރުވާފައިވާ ރާބިތަތުލް އާލަމުލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް އަދި މުސްލިމް އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް ޑރ. މުހައްމަދު ބިން އަބްދުލްކަރީމް އަލްއީސާ ވިދާޅުވެއްޖެއެވެ.

ޑރ. އަލްއީސާ މިކަން ހާމަކުރެއްވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މުސްލިމް ނޫން މީހުންނަށް އެމީހުންގެ އީދުތަކުގެ ތަހުނިޔާ ކިޔުން މަނާކުރާ އެއްވެސް ޝަރުއީ ނައްސެއް ދަލީލެއް ނެތެވެ. އަދި މިއީ އިސްލާމީ ދުނިޔޭގެ ބޮޑެތި އިލްމުވެރިން ހުއްދަ ދެއްވާފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައުޟޫއާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޑރ. އަލްއީސާ ވިދާޅުވީ، މިއީ އިލްމުވެރިންގެ މެދުގައި އިޖުތިހާދު ކުރެވޭ މައްސަލައެއް ކަމަށާއި، އެފަދަ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އިއުތިރާޒުކޮށް އިންކާރު ކުރުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.

މުސްލިމް ނޫން މީހުންނަށް ތަހުނިޔާ ކިޔުމަކީ އިސްލާމްދީނުގެ އޯގާތެރިކަމާއި، އެކުވެރިކަމުގެ ރިވެތި ސިފަ ދައްކުވައިދޭ ކަމެއް ކަމަށްވެސް ޑރ. އަލްއީސާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު މިސާލު ދެއްކެވީ އަހުލުކިތާބީންގެ ކާބޯތަކެއްޗާއި ކަތިލާ ތަކެތި މުސްލިމުންނަށް ހަލާލު ކުރައްވާފައިވާ އުސޫލުންނެވެ. އެ ތަކެތި ކެއުމަކީ އެމީހުންގެ އަގީދާ ގަބޫލުކުރުމެއް ނޫން ކަމަށްވާއިރު، ތަހުނިޔާ ކިޔުމަކީވެސް އެމީހުންގެ ދީނީ ގަބޫލުކުރުންތަކަށް އެއްބަސްވުމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މި ފަތުވާގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ދީންތަކާއި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، ސުލްހަވެރިކަމާއެކު އުޅުމުގެ ސަގާފަތް އާލާކުރުން ކަމަށް ޑރ. އަލްއީސާ ވިދާޅުވިއެވެ. މިއަދުގެ ދުނިޔެއަކީ އެކަކު އަނެކަކަށް އިހުތިރާމްކޮށް، އެކުވެރިކަމާއެކު ދިރިއުޅުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ވަގުތު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!