ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިލިމާލެ އަދި މާފަންނު އުތުރު ދާއިރާއަށް ޒިޔާރަތްކުރައްވައިފިއެވެ.
މިއަދު މެންދުރު ނަމާދަށްފަހު ރައީސް ވިލިމާލެއަށް ވަޑައިގަތުމުން އެ އަވަށުގެ ޖެޓީ ސަރަހައްދުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެމީހުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އާއިލާތަކުގެ ހާލު ބައްލަވައި، ރައްޔިތުންގެ އުދާސްތައް އަޑުއައްސަވައި އެކަންކަން ނޯޓުކުރައްވާފައިވެއެވެ.
ވިލިމާލެއަށް ކުރެއްވި މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ކޮންގްރެސް ޕާޓީން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އެ ޕާޓީގެ ފަރާތުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާއިޝަތު އަލައިކާ އަދުނާން ބައިވެރިވެވަޑައިގަތެވެ.
މީގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައިވެސް ރައީސް ޑރ. މުޢިއްޒު ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި ހަރަކާތުގެ ތެރެއިން މަގުމަތިން ބައްދަލުވި އާންމު ރައްޔިތުންނާވެސް ރައީސް ވަނީ ސަލާމްކުރައްވައި، ޚިޔާލު ބަދަލު ކުރައްވާފައެވެ.
A Warm Welcome for President Muizzu as Door to Door Campaigning Continues
ރައީސް ޑރ. މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް ތާވަލެއްގެ ދަށުން ކޮންމެ ހަފުތާއަކު މާލޭގެ ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވި ބޭފުޅެކެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެމަނިކުފާނު ވަނީ މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ވިސްނުމާއި ހިޔާލު ހޯއްދެވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.
އަދި އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ނުވަނީސް ރައީސް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންނާ ބައްދަލުކުރައްވައި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދަވާފައެވެ.

