ތިލަފުށި ޕޯޓްގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދަނީ

ތިލަފުށީގައި ތަރައްޤީކުރާ އައު ޕޯޓުގެ ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިޢުލާންކޮށްފިއެވެ. މިއީ ރާއްޖޭގެ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޕޯޓުގެ މައިގަނޑު ހުރިހާ ވަސީލަތްތަކެއްގެ ތަފްސީލީ ކުރެހުންތައް ތައްޔާރުކުރަން ޖެހެއެވެ.

ޑީޓެއިލް ޑިޒައިންތައް ތައްޔާރުކުރުމަށް އިޢުލާންކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ޕޯޓުގެ މައި ޓަރމިނަލް، ކޮންޓެއިނަރު ޔާޑާއި ސްޓޯރޭޖް އޭރިއާ، އިދާރީ އޮފީސް އިމާރާތް، އަދި ކޮންޓްރޯލް ޓަވަރު ހިމެނެއެވެ. މީގެ އިތުރުން ގޭޓް ކޮމްޕްލެކްސް، ވޯކްޝޮޕް އަދި މެއިންޓަނަންސް ފެސިލިޓީތަކުގެ އިތުރުން ސްޓާފް ސަޕޯޓް ފެސިލިޓީތަކުގެ ކުރެހުންތައް ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ތިލަފުށި ޕޯޓް މަޝްރޫޢުގެ ފޭސް އެކެއްގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ ތެރޭގައި ވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މި މަޝްރޫޢު އަވަސް މިނެއްގައި ކުރިއަށް ގެންގޮސް، ބަނދަރުގެ ޚިދުމަތްތައް ފުޅާކުރުމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުށީ ޕޯޓް ބޭނުން ކުރަން ފެށޭނެ ކަމަށް އިޢުލާންކުރައްވާފައެވެ. މި ބަނދަރު ނިމުމުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!