އީރާނުގެ ޝަހީދު މުރްޝިދު އާޔަތުﷲ އަލީ ޚާމަނައީގެ ދަރިކަލުން ސައްޔިދު މުޖުތަބާ ޚާމަނައީގެ ކައިވެނީގެ ވާހަކައަކީ އާދައިގެ ކައިވެނިތަކާ ތަފާތު، ތަވާޟުޢުވެރިކަމާއި އިޚްލާޞްތެރިކަމުގެ ނަމޫނާއެކެވެ. މި ހާދިސާ ހިނގައިދިޔަ ގޮތުން ދޭހަވަނީ އިސްލާމީ މުޖުތަމައެއްގައި އާއިލީ ގުޅުންތައް ބަދަހިކުރުމުގައި މާއްދީ މުއްސަނދިކަމަށްވުރެ ބޮޑަށް އަޚްލާގާއި ދީންވެރިކަމަށް އިސްކަންދޭންޖެހޭ މިންވަރެވެ.
އެއްދުވަހަކު އާޔަތުﷲ އަލީ ޚާމަނައީ، ގައުމުގެ ރައީސާއި، މަޖިލީހުގެ ރައީސާއި، ފަނޑިޔާރުގެއާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއް ނިންމަވާލެއްވުމަށްފަހު، ވަރަށް ތަފާތު ވާހަކައެއް ދެއްކެވިއެވެ. އެދުވަހު ޢަލީ ޚާމަނާއީ ވިދާޅުވީ ކައިވެންޏެއް ބޭނުންވާ ފަގީރު ޒުވާނަކު އެބަހުރި ކަމަށާއި، އެ ޒުވާނާއަށް ކައިވެނީގެ ކަންކަން ހަމަޖައްސައިދޭން ބޭނުންފުޅުވާ ކަމަށެވެ. އެވަގުތު އެތަނުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ޒުވާނާއާ ކައިވެނިކޮށްދޭނެ އަންހެން ދަރިއަކު ހުރި ބޭފުޅަކު ހުރިތޯ ޚާމަނާއި ސުވާލުކުރެއްވިއެވެ.
އެ ވަގުތު އެ މަޖިލީހުގައި ތިއްބެވި ގިނަ ބޭފުޅުން ހަނު ތިއްބެވިއެވެ. ނަމަވެސް ޕާލަމެންޓްގެ ރައީސް ޣުލާމް އަލީ ހައްދާދު އާދިލް އިސްވެ، އެ ޒުވާނާއާ ބެހޭ މައުލޫމާތު އޮޅުންފިލުއްވުމަށް ސުއާލު ދެންނެވިއެވެ. ޢަލީ ޚާމަނައީ ޖަވާބުގައި ވިދާޅުވީ އެއީ ފަގީރު ޒުވާނެއް ކަމަށެވެ. ނަމަވެސް، އޭނާއަކީ ތަގުވާވެރި، ސާލިޙު، އަދި ރަނގަޅު އަޚްލާގެއްގެ ވެރިއެއް ކަމަށެވެ. އަދި އެ ޒުވާނާގެ ޚުލްޤަށް އެމަނިކުފާނު ޖާމިނުވެވަޑައިގަންނަވާ ކަމަށެވެ. މި ވާހަކަތަކަށްފަހު ޕާލަމެންޓްގެ ރައީސް ޣުލާމް އަލީ ވަގުތުން އެ ޒުވާނާއާ އޭނާގެ ދަރިކަނބަލުންގެ ކައިވެނި ހަމަޖެއްސެވުމަށް އެއްބަސްވެވަޑައިގަތެވެ. އަދި އެހައި މަތީ ފަރާތަކުން އެ ޒުވާނާގެ ޚުލްޤަށް ޖާމިނުވެ ވަޑައިގަތުމުން ވަގުތުން ފާތިޙާ ކިޔަވައި އެކަން ނިންމުމަށް އެދިވަޑައިގަތެވެ.
ފާތިޙާގެ ކަންކަން ނިމުމުން، އިތުރަށް އެ ޒުވާނާއާ މެދު ޣުލާމް އަލީ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ޢަލީ ޚާމަނާއި ވިދާޅުވީ، އެއީ އެމަނިކުފާނުގެ އަމިއްލަ ދަރިކަލުން މުޖުތަބާ ކަމަށެވެ. މި ވާހަކަ އިވިވަޑައިގެން އެތަނުގައި ތިއްބެވި އެހެން ބޭފުޅުންގެ ހިތްތަކަށް މާޔޫސްކަން ވެރިވިއެވެ. ސަބަބަކީ އެފަދަ މާތް އާއިލާއަކާ ގުޅުމުގެ ފުރުސަތު އެބޭފުޅުންނަށް ގެއްލިގެން ދިއުމެވެ. މިއީ ދުނިޔަވީ ލަގަބުތަކަށްވުރެ ބޮޑަށް އިންސާނާގެ ސިފަތަކަށް އިސްކަންދިނުމުން ލިބޭ ބަރަކާތުގެ މިސާލެކެވެ.
ސައްޔިދު މުޖުތަބާގެ ހަޔާތަކީ ހަމައެކަނި އުފާވެރިކަމުން ފުރިފައިވާ ހަޔާތެއް ނޫނެވެ. އީރާނަށް ކުރިމަތިވި ހަނގުރާމައިގެ ފުރަތަމަ ދުވަހު އޭނާގެ އަނބިކަނބަލުން ޒަހްރާ އަލްޙައްދާދު ޒަޔަނސިްޓުންނާއި ސޮލީބީންގެ ޓެރަރިސްޓް ހަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ. މި ހަނގުރާމައިގައި މުޖުތަބާއަށް އޭނާގެ އާއިލާގެ އެތައް ބަޔަކު ގެއްލިވަޑައިގަތެވެ. އޭގެ ތެރޭގައި އޭނާގެ ބައްޕަ އާޔަތުﷲ އަލީ ޚާމަނައީއާއި، މަންމަ މަންޞޫރާ ޚަޖަސްތާ، އަދި ދަރިކަލުން މުޙައްމަދު ބާގިރުގެ އިތުރުން އޭނާގެ އުޚުތަކާއި އުޚުތުގެ ދަރިންވެސް ހިމެނެއެވެ.
ސައްޔިދު މުޖުތަބާ ޚާމަނައީގެ ހަޔާތުގެ މި ވާހަކައަކީ ކެތްތެރިކަމާއި، ސާދާ ދިރިއުޅުމުގެ މަތިވެރި ފިލާވަޅެކެވެ. ކައިވެނީގެ ފެށުމުން ފެށިގެން ގައުމަށްޓަކައި ވީ ގުރުބާނީއާ ހަމައަށް، މި ހާދިސާތަކުން ދަސްކޮށްދެނީ ދުނިޔަވީ އުފާތަކަށްވުރެ އާޚިރަތުގެ ބާއްޖަވެރިކަމާއި ގައުމީ ލޯބި އިސްކުރުމުގެ މުހިންމުކަމެވެ.







