ކޮންގްރެސް ޕާޓީގެ ސައިކަލު ބުރު ކުރިއަށް ގެންގޮސްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިއަދު މާލޭގައި ޚާއްޞަ ސައިކަލް ބުރެއް ބާއްވައިފިއެވެ. މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާފަންނު މެރީބްރައުން ސަރަހައްދުން ފެށި މި ސައިކަލު ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ އޮފީސް ސަރަހައްދަށެވެ. މި ހަރަކާތުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވިއެވެ.

ސައިކަލު ބުރުގެ ބައިވެރިންނާ ހަރަކާތުގެ ނިންމުމުގައި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލް ގޮނޑިތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ،

"ކައުންސިލްތައް ބާކީކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ނޫން" ކަމަށެވެ.

ހިއްސާ ކުރައްވާ!