"މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ. އަޅުގަނޑު ރައްޔިތުންނަށް ވެފައިހުރި ހުރިހާ ވައުދުތަކެއް ފުއްދުމަށް މިއަދާ ހަމައަށް އައިއިރުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފީމު. އަދި އިރާދަކުރެއްވިއްޔާ ވަރަށް ގިނަ ކާމިޔާބީތައް ވެސް މި ކުރިމަތިވެފަ އޮތް އަޅުގަނޑުމެންނަށް ވާރުތަވި އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރެއިން ވެސް އަރައިގަނެގެން ކުރެވެމުންދާކަން އަޅުގަނޑު ވާނީ ނިމިގެން ދިޔަ ރިޔާސީ ބަޔާނުގައި އަދަދުތަކާ އެކީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފަ" – ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކުރިއަށް އޮތް އިންތިޚާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕޭން ވަރުގަދަކޮށް، ރައްޔިތުންނަށް މެސެޖު ފޯރުކޮށްދެއްވުމަކީ މިއަދު ބޭއްވި ސައިކަލު ބުރުގެ މައިގަނޑު ބޭނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ވާރުތަވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދެމުންދާކަން ރިޔާސީ ބަޔާނުގައި ތަފްސީލުކޮށް ހާމަކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ނިޒާމަކީ ފުރިހަމައަށް ޤަބޫލުކުރައްވާ ނިޒާމެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރިއަށްދާނަމަ އޭގެ ލާބަ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫންކަން ހާމަކުރައްވަމުން ރައީސް އެދިވަޑައިގަތީ ސަރުކާރަށް އެއްބާރުލުން ދޭނެ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށެވެ.
"މިކަންކަން މިހާރު ގޮސްފައިވާ ހިސާބުން ދެން ކުރިއަށް އޮތް ދުވަސްތަކަށް ފުރިހަމަކޮށް ނިންމާލުމަށްޓަކައި ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް އަޅުގަނޑުމެން ބޭނުންވަނީ،" ރައީސް ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ މުހިންމު ވޯޓެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ދޭނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ބޭއްވި މި ސައިކަލު ބުރުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.




