ސައުދީ އަރަބިއްޔާގެ ހާއިލް ސަރަހައްދުގެ ހަނަފަސް ސަހަރާއަކީ މިހާރު، މަތީ ފެންވަރުގެ އަލުއި އުފައްދާ މަރުކަޒަކަށް ބަދަލު ވެއްޖެއެވެ. ދުނިޔޭގެކާބޯތަކެތި އުފައްދާ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ އަލުއި ފޯރުކޮށްދޭ މުހިންމު ގައުމަކަށް ސައޫދިއޔާ ވަނީ ވެފައެވެ. ޒަމާނީ ފެންދޭ ނިޒާމުތަކާއި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ސައުދީގެ ދަނޑުވެރިން ވަނީ ފެން މަދުވުމާއި މާހައުލުގެ ގޮންޖެހުންތަކުން އަރައިގަނެ، ކާމިޔާބު ދަނޑުވެރިކަމުގެ މޮޑެލްއެއް ގާއިމުކޮށްފައެވެ.
ހާއިލްގެ ވެލިގަނޑުގައި ހެދޭ އަލުއިއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ބައްޓަން ރީތި އަލުއިތަކަކަށް ވުމުން، ޕެޕްސީކޯގެ ލޭސް ފަދަ މަޝްހޫރު ބްރޭންޑްތަކަށް މިއީ ވަރަށް އެކަށީގެންވާ އުފެއްދުމަކަށް ވަނީ ވެފައެވެ. މި ކުރިއެރުން ލިބިފައިވަނީ އިރުގެ ހަކަތަ ބޭނުންކޮށްގެން ފެންދޭ ތިކި ޖައްސާ ޑްރިޕް އިރިގޭޝަން ސިސްޓަމްތައް ބޭނުންކުރަން ފެށުމުންނެވެ. މީގެ ސަބަބުން ފެން ބޭނުންކުރާ މިންވަރު މަދުވެ، އުފެއްދުންތެރިކަން ވަނީ އިތުރުވެފައެވެ. ސައުދީގެ މިނިސްޓްރީ އޮފް އިންޑަސްޓްރީން ބުނާ ގޮތުގައި، ޗިޕްސް އުފެއްދުމަށާއި އެކްސްޕޯޓް ކުރުމަށް ބޭނުންވާ އަލުއި ހެއްދުމަށް ހާއްސަ އިރިގޭޝަން މޮޑެލްއެއް މިހާރު ވަނީ ފާސްކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ސައުދީގެ އަލުއި އުފެއްދުންތެރިކަން ވަނީ 47 އިންސައްތަ އިތުރުވެފައެވެ. އެ އަހަރު 621,000 ޓަނަށް ވުރެ ގިނަ އަލުއި އުފައްދާފައި ވއެވެ. ސައުދީގައި އުފައްދާ އަލުއި މިހާރު ރަޝިޔާ، ނޯވޭ، ލުބުނާން، ސޫރިޔާ އަދި އުރުދުން ފަދަ ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ.
ދަނޑުވެރިން ބުނާ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ އަޑީގެ ފެން މަދުވުމެވެ. ނަމަވެސް ޕެޕްސީކޯ ފަދަ ކުންފުނިތަކުން ފެންދޭ ނިޒާމުތައް ގާއިމުކުރުމަށް މާލީ އެހީތެރިކަމާއި ފަންނީ ލަފާ ދިނުމުގެ ސަބަބުން އުފެއްދުންތެރިކަން ވަނީ އިތުރުވެފައެވެ. ބައެއް ދަނޑުތަކުން މިހާރު ހެކްޓަރަކަށް 60 ޓަނުގެ އަލުއި އުފައްދާއިރު، ފެން ބޭނުންކުރާ މިންވަރު ވަނީ 30 އިންސައްތަ މަދުކޮށްފައެވެ.
ޕެޕްސީކޯ އިން ވަނީ ސައުދީގެ ވިޜަން 2030 އާ އެއްގޮތަށް އާ ޕްރޮޑަކްޝަން ލައިންތަކަށް 300 މިލިއަން ރިޔާލަ އިންވެސްޓްކޮށްފައެވެ. އަދި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ރޯ މެޓީރިއަލް މުދަލުގެ 95 އިންސައްތައަކީ ސައުދީގެ އުފެއްދުންތަކަށް ހަދާފައިވެއެވެ. އަދި ފެކްޓްރީތަކުގެ 80 އިންސައްތަ ވަޒީފާތަކުގައި ތިބީ ސައުދީ ރައްޔިތުންނެވެ. މީގެ ތެރޭގައި ފެކްޓްރީއެއް މެނޭޖްކުރުމަށް ފުރަތަމަ ފަހަރަށް ސައުދީ އަންހެނަކު އައްޔަންކުރުންވެސް ހިމެނެއެވެ.









