މައްކާގެ ބޮޑު ގަޑި: އިންޖިނިއަރިންގެ އާދަޔާ ޚިލާފު މަސައްކަތެއް

މައްކާގެ މަސްޖިދުލް ޙަރާމްގެ ކުރިމަތީގައި ހުންނަ 'މައްކާ ރޯޔަލް ކްލޮކް ޓަވަރު' އަކީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ އާދަޔާޚިލާފު އެއް ބިނާއެވެ. ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރުގެ ބޮޑު ހޭދައެއް ކޮށްގެން ބިނާކޮށްފައިވާ މި އިމާރާތަކީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު އެއް ބިނާއެވެ. މި ބިނާގެ އެންމެ ޚާއްޞަ ސިފައަކީ އޭގައިވާ ބޮޑު ގަޑިއެވެ. މިއީ އިނގިރޭސިވިލާތުގެ މަޝްހޫރު 'ބިގް ބެން' އަށްވުރެ 35 ގުނަ ބޮޑު ގަޑިއެކެވެ.

ކުރިން މި ބިނާ ފަރުމާކުރެވިފައި އޮތީ ގާތްގަނޑަކަށް 450 މީޓަރުގެ އުސް ހޮޓަލެއްގެ ގޮތުގައެވެ. ނަމަވެސް، އިސްލާމީ އުންމަތުގެ އެންމެ މުޤައްދަސް ބިމުގައި ހުންނަ މި ބިނާއަކީ ހަމައެކަނި ހޮޓަލަކަށް ވުރެ މަތިވެރި މަޤްޞަދެއް އޮތް ތަނަކަށް ހެދުމަށް ނިންމުނެވެ. އެގޮތުން، މިއީ ބިޔަ މުންނާރެއްގެ ސިފަޔަށް ބަދަލުކޮށް، މުޅި ދުނިޔޭގެ މުސްލިމުންނަށް ވަގުތު ބަލާނެ މިންގަނޑެއް ނުވަތަ 'މައްކާ ޓައިމް' ދައްކައިދޭ ބޮޑު ގަޑިއެއް ހިމެނޭ ބިނާއަކަށް ބަދަލުކުރެވުނެވެ.

މި ބިނާގެ އުސްމިން 600 މީޓަރަށް އިތުރުކުރަން ނިންމިއިރު، އިމާރާތުގެ ބިންގާ ވަނީ 450 މީޓަރަށް ކަނޑައަޅައި އަޅައި ނިމިފައެވެ. މިކަމަށް އޮތް ހައްލަކީ އިމާރާތުގެ މަތީބައި ލުއިކުރުމެވެ. އެގޮތުން، ކޮންކްރީޓްގެ ބަދަލުގައި ފްރާންސްގެ އައިފަލް ޓަވަރުގައި ބޭނުންކޮށްފައިވާ ފަދަ 'ސްޓީލް ސްޓްރަކްޗަރ' އެއް ހެދުމަށް ބޭނުންކުރެވުނެވެ. މީގެ ސަބަބުން އިމާރާތުގެ ބަރުދަން ލުއިވެފައި، ވަރުގަދަކަން ދެމެހެއްޓުނެވެ.

600 މީޓަރުގެ އުސްމިނުގައި ވައިގެ ބާރުމިން ގަޑިއަކު 200 ކިލޯމީޓަރަށް އަރައެވެ. މިފަދަ ބާރު ވަޔެއްގައި ގަޑީގެ ކަށިތައް ހަލާކުނުވެ ހިފެހެއްޓުމަކީ ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ހައްލެއްގެ ގޮތުން ބޭނުންކުރީ 'ކާބަން ފައިބަރ' އެވެ. މި މާއްދާއަކީ ލުއި އަދި އެހާމެ ވަރުގަދަ އެއްޗެކެވެ. ގަޑީގެ ކަށިތަކުގެ ތެރެއަކީ ހުސްކޮށް އޮންނަ ތަނެކެވެ. އޭގެ ތެރޭގައި މީހުންނަށް ހިނގާބިނގާވެ އުޅެވޭވަރުގެ ޖާގަ އޮވެއެވެ. މިއީ ގަޑި މަރާމާތުކުރުމަށް ފަސޭހައަކަށް ހަދާފައިވާ މަގުތަކެކެވެ.

މި ގަޑީގެ މޫނުމަތި ޒީނަތްތެރިކުރުމަށް 98 މިލިއަން ބިއްލޫރި މޮޒައިކް ކޮޅު ބޭނުންކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ ބައިތަކަކީ 24 ކެރަޓްގެ ރަނުން އުފައްދާފައިވާ ތަކެއްޗެވެ. މިތަކެތި އުފެއްދުމަށް އިޓަލީ ކުންފުނިން އެކަމަށް ޚާއްސަ ރޮބޮޓްތަކެއް އުފެއްދިއެވެ. ރޭގަނޑުގެ ވަގުތުތަކުގައި ގަޑި ސާފުކޮށް ދުރަށް ފެނުމަށްޓަކައި 2 މިލިއަން އެލްއީޑީ ބޮކި ބޭނުންކުރެއެވެ. ފެހި އަދި ހުދު ކުލަ އިޚްތިޔާރުކުރީ ހަމައެކަނި ސައުދީ ދިދައިގެ ކުލައަށް ވުމަކުން ނޫނެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި އިންސާނާގެ ލޮލަށް އެންމެ ދުރުން ސާފުކޮށް ފެންނަނީ ފެހިކުލައެވެ. މިކަމުގެ ސަބަބުން 8 ކިލޯމީޓަރު ދުރުންވެސް މައްކާ ރޯޔަލް ކްލޮކް ޓަވަރުގެ ގަޑި ސާފުކޮށް ފެނެއެވެ.

މައްކާގެ ބޮޑު ގަޑީގެ އެންމެ މަތީގައިވާ ހަނދުފަޅިއަކީ ހަމައެކަނި ފަރުމާއެއް ނޫނެވެ. އެއީ ތިން ބުރީގެ އިމާރާތެކެވެ. އޭގެ ތެރޭގައި ނަމާދުކުރާ ތަނަކާއި، އޮފީސް އަދި ބައްދަލުވުންތައް ބާއްވާ ކޮޓަރި ހިމެނެއެވެ. މި ބިނާއަކީ އިސްލާމީ ވަހުދަތާއި، ޒަމާނީ އިންޖިނިއަރިންގްގެ ފުރިހަމަ މިސާލެކެވެ. މިއީ މިއަދު މައްކާއަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނަ، މުޅި ދުނިޔެއަށް މަޝްހޫރު ފަޚުރުވެރި ބިނާއެކެވެ.

ހިއްސާ ކުރައްވާ!