ޝައިޚް މާހިރު ބިން ޙަމަދު އަލްމުޢައިޤިލީއަކީ މިއަދު މުޅި އިސްލާމީ އުންމަތުގައި އެ ބޭފުޅެއްގެ ރީތި އަޑުފުޅާއި، މަޑުމައިތިރި ތިލާވަތުގެ ސަބަބުން މަޝްހޫރުވެފައިވާ ބޭފުޅެކެވެ. 1969 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ މަދީނާގައި އުފަންވި މި ތުއްތު ކުއްޖާ ބޮޑުވެގެން އައީ ދީނީ ކަންކަމަށް ލޯބިކުރާ އާއިލާއެއްގެ ތެރޭގައެވެ. ކުޑައިރުއްސުރެ ޤުރުއާނުގެ އަޑުތަކުގެ ތެރޭގައި ތަރުބިއްޔަތުވެ، ގެއިންނާއި ދީނީ މަރުކަޒުތަކުން ތަޢުލީމު އުނގެނުމަށް އޭނާ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވިއެވެ.
ޝައިޚް މާހިރުގެ ޙަޔާތްޕުޅުގެ ކުރީކޮޅު ފާހަގަކުރެވިގެންދިޔައީ ދީނީ ޢިލްމުގެ އިތުރުން ދުނިޔަވީ މާއްދާތަކަށްވެސް ދެއްވި ސަމާލުކަމެވެ. އެގޮތުން އެންމެ ފުރަތަމަ މަތީ ތަޢުލީމު ހާސިލްކުރެއްވީ މެތަމެޓިކްސް ގެ ދާއިރާއިންނެވެ. އަދި އެދާއިރާއިން ކިޔަވައި ވިދާޅުވުމަށްފަހު ސްކޫލްތަކުގައި މެތުސް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވިއެވެ. މި މުއްދަތުގައި އޭނާ ފާހަގަކުރެވުނީ ވަރަށް ހިމޭން، އަދި އަޚްލާޤު ރަނގަޅު މުދައްރިސެއްގެ ގޮތުގައެވެ.
ހިސާބު މުދައްރިސެއްގެ ގޮތުގައި ހުންނެވި ނަމަވެސް، ޝައިޚް މާހިރުގެ ހިތްޕުޅު އެދެމުންދިޔައީ ދީނީ ޢިލްމުގެ މާކަނޑަށް ފީނުމަށެވެ. އެހެންކަމުން ދުނިޔަވީ ވަޒީފާ ދޫކޮށްލެއްވުމަށްފަހު، އުއްމުލް ޤުރާ ޔުނިވަރސިޓީގައި ފިޤުހު ޢިލްމާއި އިސްލާމީ ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވަން ފެއްޓެވިއެވެ. މި ދާއިރާއިން މާސްޓާޒް އަދި ޕީ.އެޗް.ޑީ ހާސިލްކުރައްވައި، ޢިލްމީ ގޮތުން މަތީ ދަރަޖައަކަށް ވާޞިލްވެވަޑައިގަތެވެ. މިއާއެކު ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަން ފެއްޓެވިއެވެ.
ޝައިޚް މާހިރުގެ ކިޔެވުންތައް ރެކޯޑު ކުރެވި އާންމުންގެ ތެރެއަށް ފެތުރެން ފެށުމާއެކު، ޝެއިޚުގެ އަޑުފުޅުގެ ރީތިކަމާއި އަސަރުގަދަކަން މީހުންގެ ހިތްތަކަށް ވަނެވެ. އެއްވެސް މަޝްހޫރުކަމަކަށް އެދިވަޑައިނުގެން ހުންނަވަނިކޮށް، 2007 ވަނަ އަހަރު މާތްވެގެންވާ މަސްޖިދުލް ޙަރާމްގެ އިމާމަކަށް ޝައިޚު އައްޔަންކުރެވުނެވެ. މިއީ އެމަނިކުފާނުގެ ޙަޔާތްޕުޅަށް އައި އެންމެ ބޮޑު ބަދަލެވެ. މިލިއަނުން މީހުން ޖަމާވާ އެ މާތް ބިމުގައި، އެމަނިކުފާނުގެ އަޑުފުޅުން ޤުރުއާން ކިޔަވައިވި ދާޅުވާއިރު، އަޑުއަހާ މީހުންގެ ލޮލުން ކަރުނަ ހިލި، ހިތްތަކަށް ބަޔާންކުރަން ނޭނގޭ ފަދަ މަޑުމޮޅިކަމެއް ލިބިގެންދެއެވެ.
ޝައިޚް މާހިރުލް މުޢައިޤިލީގެ ޙަޔާތްޕުޅަކީ ކޮންމެ މުސްލިމަކަށްވެސް އޮތް ނަމޫނާއެކެވެ. ހިސާބު މުދައްރިސެއްގެ ގޮތުގައި ހުންނަވައި، ﷲ ގެ ދީނަށްޓަކައި ކުރެއްވި ހިޖުރައާއި، ޤުރުއާނަށް ދެއްވި ލޯތްބަކީ އެމަނިކުފާނު މިއަދު އެ ހުންނެވި މަތިވެރި މަޤާމަށް ވާޞިލްވުމުގެ ސިއްރެވެ. މިއަދު އެމަނިކުފާނަކީ މުޅި ދުނިޔޭގެ މުސްލިމުންގެ ހިތްތަކުގެ އެކުވެރިއެކެވެ.






