ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ މާރިޗު މަހުގެ 8 ވީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ ދަށުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތަކުން ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން، ވަކި ވިޔަފާރިތަކެއް އިސްތިސްނާކުރުމުގެ އިޚްތިޔާރު ވަޒީރުންގެ މަޖިލީހަށް ވަނީ ދީފައެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ.

މި އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތައް ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމެވެ. އަދި ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް ދެފަރާތުގެ ޙައްޤުތައް ކަށަވަރުކުރުމަކީވެސް މި ބިލުގެ މަޤްޞަދެކެވެ.
އަލަށް ގެނެވުނު މުހިންމު އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ނިންމުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް ދެ އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ލާޒިމުކޮށްފައެވެ. މިއީ މަސައްކަތްކުރާ މައިންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.




