އުލިގަމަށް ބަނދަރުކުރި ކުރޫޒްލައިނާއަކުން 859 ފަތުރުވެރިން ރާއްޖެއަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 9 ކްރޫޒްލައިނާއަކުން 14،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެގެ ނިޔަލަށް ޖުމްލަ 14،960 ފަތުރުވެރިން ވަނީ މި އުޅަނދުފަހަރުގައި ރާއްޖެ އައިސްފައެވެ.

މިއަދު އެމްއެސް ސިރެނާ ވެސް ވަނީ ރާއްޖެ އައިސްފައެވެ،. އެ ކުރޫޒް ލައިނާއައީ އިންޑިއާގެ މުމްބާއީން ނެވެ. މި ކްރޫޒްލައިނާއިން ރާއްޖެއައި 609 ފަސިންޖަރުންނާއި 389 ފަޅުވެރިންނަށް އިިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން ވަނީ ކްލިއަރެންސް ދީފައި ވެއެވެ.

އެންމެ ފަހުން ރާއްޖެއަށް ބަނދަރުކޮށްފައިވަނީ ސްރީލަންކާގެ ކޮލަމްބޯއިން ފުރައިގެން ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި "ވާސްކޯ ޑަ ގާމާ" ކްރޫޒްލައިނާއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި މި އުޅަނދުން 859 ފަސިންޖަރުންނާއި 489 ފަޅުވެރިން ރާއްޖެ އައިސްފައިވެއެވެ. މި އުޅަނދަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން ވަނީ ފުރިހަމަކޮށްދީފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ކްރޫޒްލައިނާއަކުން ރާއްޖެއަށް އައިސްފައިވަނީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 3،904 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މީގެ އިތުރުން މާރިޗު މަހުގެ ތެރޭގައިވެސް ތިން ކްރޫޒްލައިނާއެއް ވަނީ ރާއްޖެއަށް ބަނދަރުކޮށްފައެވެ.

މިއަހަރު ރާއްޖެއަށް ކްރޫޒްލައިނާތައް އައި ތާރީޚިތަކަށް ބަލާއިރު، ޖަނަވަރީ މަހު ދެ އުޅަނދަކުން 2،007 ފަތުރުވެރިން، ފެބުރުވަރީ މަހު ހަތަރު އުޅަނދަކުން 7،659 ފަތުރުވެރިން އަދި މާރިޗު މަހުގެ މިހާތަނަށް ތިން އުޅަނދަކުން 5،294 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 540,674 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. ނަމަވެސް، މި މަހުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު 23.6 އިންސައްތަ ދަށްވެފައެވެ.

ކްރޫޒްލައިނާތަކަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދާއިރާއަކަށްވާއިރު، މިފަދަ ބޮޑެތި އުޅަނދުފަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަނދަރުކުރުމަކީ އެ ސަރަހައްދުތަކުގެ އިގްތިސާދަށްވެސް އޭގެ ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!