ގައިން ގަޔަށް އަރާ ބަލިތައް ޖެހުނު މީހުންގެ އަދަދު ދަށަށް

ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ފެތުރުނު މިންވަރު މިއަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު ފެބުރުވަރީ މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗް.ޕީ.އޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތަކެވެ. އެގޮތުން ޖަނަވަރީ މަހު 35,693 މީހުންނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ފެބުރުވަރީ މަހު މި އަދަދު ވަނީ 23,573 އަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް 12,000 ކޭސްގެ މަދުވުމެކެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތަކެވެ. ޖަނަވަރީ މަހު ބޭރަށް ހިންގުމުގެ 8,429 ކޭސް ރިޕޯޓުކޮށްފައިވާއިރު، ފެބުރުވަރީ މަހު މި އަދަދު ވަނީ 7,196 އަށް ދަށަށް ގޮސްފައެވެ.

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު، ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން ޖަނަވަރީ މަހު 668 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، ފެބުރުވަރީ މަހު އެ އަދަދު ވަނީ 412 އަށް މަދުވެފައެވެ.

އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ޖަނަވަރީ މަހު 99 މީހަކު ޕޮޒިޓިވްވެފައިވީ ނަމަވެސް، ފެބުރުވަރީ މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ އެންމެ 8 މީހުންނެވެ. މިއީ މި ބަލިތައް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!