އާ އަހަރަކާ ކުރިމަތިލާއިރު ކޮންމެ އިންސާނަކުވެސް އުންމީދު ކުރަނީ އާ އުފާވެރިކަމަކަށާއި އަމާންކަމަށެވެ. ނަމަވެސް 2026 ވަނަ އަހަރު ދުނިޔެއަށް މަރުހަބާ ކީ އެންމެން ހައިރާންކޮށްލި ބިރުވެރި އަދި ނުތަނަވަސް ހާދިސާތަކަކުންނެވެ. އަހަރުގެ ފުރަތަމަ ދުވަހުގެ އިރު އެރިއިރު، އިވިގެން ދިޔަ ޚަބަރާއެކު އެފަދަ އެހެން ހާދިސާތައް ދިޔައީ އިވެމުންނެވެ.
ޖެނުއަރީ 1 ވަނަ ދުވަހު ސޫރިޔާގެ ދެކުނުން އިވުނު ޚަބަރަކީ މުޅި ސަރަހައްދު ސިއްސުވާލި ޚަބަރެކެވެ. އެއްވެސް މަޝްވަރާއެއް ނެތި، އަލްސުވައިދާ ވަކި ދައުލަތެއްގެ ގޮތުގައި އިޢުލާން ކުރި ޚަބަރެވެ. މި ނިންމުމާއެކު ސަރަހައްދީ ބާރުތަކަށް ބަދަލެއް އައިސް، އިސްރާއީލުގެ މަސްލަހަތުތަކަށް މިކަން މަގުފަހިވާނެ ކަމެއްގެ ގޮތުގައި ބެލެވުނެވެ. ހަމަ އެރޭ، ސައުދީ އަރަބިއްޔާއިން ޔޫއޭއީގެ ހަތިޔާރު ގުދަންތަކަކަށް ހަމަލާދިން ކަމުގެ ރިޕޯޓްތައް ފެތުރުނުނެވެ. އަރަބި ދެ އަޚުންގެ މެދުގައި ހަމަނުޖެހުމެއްގެ މަލަމަތި ފެންނާން ފެށިއެވެ. .
ޖެނުއަރީ 2 ވަނަ ދުވަހު ކަންތައްތައް ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ޔަމަނުގެ މަސްރަހު ބަދަލުވެ، އެ ގައުމު ދެބައިވެ، އާ ދައުލަތެއް އުފެދުނު ކަމަށް ދެކުނު ޔަމަނުން އިއުލާން ކުރިއެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އިވެމުންދިޔައީ "މިއީވެސް އިސްރާއީލަށް ލިބޭ ފައިދާއެއް" ކަމަށް ބުނާ އަޑުތަކެވެ.
ޖެނުއަރީ 3 އަށް އައިއިރު، މި ނުތަނަވަސްކަން މުޅި ދުނިޔެއަށް ފެތުރިއްޖެއެވެ. އެމެރިކާއިން ވެނެޒުއޭލާއަށް ބޮން އަޅައިފިއެވެ. އެ ގައުމުގެ ރައީސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިޔަ ކަމުގެ ޚަބަރުތަކުން ސޯޝަލް މީޑިއާ ފުރިގެންދިޔައެވެ. ހަމައެއާއެކު، އީރާނުގެ މަގުތަކުގައި މުޒާހަރާތައް ވަރުގަދަވެ، އެމެރިކާއިން އިންޒާރުތައް ދޭން ފެށިއެވެ. މިއީ މީގެ ކުރިންވެސް ފެނިފައިވާ މަންޒަރުތަކެއް ނަމަވެސް، މިފަހަރުގެ ހާލަތު ތަފާތެވެ.
ޓައިވާން ވަށައިގެން ޗައިނާއިން ވަރުގަދަ އަސްކަރީ ތަމްރީނު ތަކެއް ބާއްވަމުން ދިޔައެވެ. މި ތަމްރީންތަކަކީ މިއަދާހަމައަށް ނުފެންނަ ވަރުގެ ވަރުގަދަ ތަމްރީނު ތަކެކެވެ.
ޖެނުއަރީ 4 އަށް އައިއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ބުނަމުންދިޔައީ އެއް ވާހަކައެކެވެ. "ހުރިހާ ކަމެއް އެއްފަހަރާ ބަނޑުންޖަހާލައިފި" ކަމަށެވެ. ވެނެޒުއެލާގެ ރައީސް ހައްޔަރުކޮށްގެން އެމެރިކާއަށް ގެނަސްފިއެވެ.
2026 ވަނަ އަހަރު ފެށިގެން އައީ އާދައިގެ އަހަރެއްގެ ގޮތުގައެއް ނޫނެވެ. އެއީ ހައިރާންކަމާއި، ބިރުވެރިކަމާއި، އަދި ނުތަނަވަސްކަމުން ފުރިގެންވާ ފެށުމެކެވެ. މި ހަތަރު ދުވަހުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކުން ދޭހަވަނީ، މިއީ ދުނިޔޭގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭނެ ފަދަ އުނދަގޫ އަހަރަކަށް ވާނެ ކަމެވެ.
މިއަހަރުގެ ތެރޭގައި 40 އިންތިޚާބެއްވެސް އޮންނާނެއެވެ. 2026 ވަނަ އަހަރު އިންތިޚާބު ބާއްވާ ގައުމުތައް
- އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭޝިއާގެ ބައެއް މުހިންމު ގައުމުތަކުގައި އިންތިޚާބުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މިއަންމާ، ތައިލެންޑް، ބަންގްލަދޭޝް އަދި ނޭޕާލް ހިމެނެއެވެ. މިއަންމާގެ އާންމު އިންތިޚާބު ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބަންގްލަދޭޝްގެ އާންމު އިންތިޚާބު އޮންނާނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މީގެ އިތުރުން ޔޫރަޕްގެ ގައުމެއް ކަމަށްވާ ޕޯޗުގަލްގެ ރިޔާސީ އިންތިޚާބުވެސް ޖެނުއަރީ މަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
އެފްރިކާ އަދި މެދުއިރުމަތީގެ އިންތިޚާބުތައް
- 2026 ވަނަ އަހަރަކީ އެފްރިކާ ބައްރުގެ ގައުމުތަކަށްވެސް ވަރަށް ބާރުބޮޑު އަހަރެކެވެ. ޔުގެންޑާ، ބެނީން، ޖިބޫތީ، އިތިއޯޕިއާ އަދި ޒެމްބިއާ ފަދަ ގައުމުތަކުގައި އިންތިޚާބުތައް ބޭއްވޭނެއެވެ. މީގެ ތެރެއިން ލީބިޔާގެ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބަކީ އެ ގައުމުގެ ހަމަޖެހުމަށް ވަރަށް މުހިންމު އިންތިޚާބެކެވެ. މެދުއިރުމަތީގެ ގައުމުތަކަށް ބަލާއިރު، އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އޮކްޓޫބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
- ލީބިޔާގެ މަސްރަހު ހޫނުވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ނަތަންޔާހޫ އިންތިޚާބުން ބަލިވާނެ ކަމަށް ދައްކައެވެ.
އެމެރިކާ ބައްރުގެ މުހިންމު އިންތިޚާބުތައް
- އެމެރިކާ ބައްރުގައި ބޭއްވޭ އެންމެ ފާހަގަކޮށްލެވޭ އެއް އިންތިޚާބަކީ ބްރެޒިލްގެ އާންމު އިންތިޚާބެވެ. އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ދެކުނު އެމެރިކާގެ ސިޔާސީ މިސްރާބަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމެކެވެ. މީގެ އިތުރުން ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވޭ މިޑްޓާމް އިންތިޚާބަކީވެސް ދުނިޔޭގެ ސަމާލުކަން ލިބޭނެ މުހިންމު ހަރަކާތެކެވެ. މިއިންތިޚާބުގައި ޓްރަމްޕްގެ ސަޕޯޓަރުންނަށް ކާމިޔާބު ވުމާމެދު ޝައްކު ކަމަށް ބެލެވެއެވެ. ޕެރޫ އަދި ކޮސްޓަރިކާ ފަދަ ގައުމުތަކުގައިވެސް މި އަހަރުގެ ތެރޭގައި އާންމު އިންތިޚާބުތައް ބޭއްވޭނެއެވެ.
ޖުމްލަގޮތެއްގައި 2026 ވަނަ އަހަރަކީ ދުނިޔޭގެ ޑިމޮކްރަސީގެ ހަޔާތުގައި ވަރަށް މުހިންމު އަހަރެކެވެ. އެކި ބައްރުތަކުގައި ބޭއްވޭ މި އިންތިޚާބުތަކުގެ ސަބަބުން ގައުމުތަކުގެ ވެރިކަމުގެ ނިޒާމަށާއި، ބައިނަލްއަގުވާމީ ގުޅުންތަކަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. މި އިންތިޚާބުތަކުގެ ނަތީޖާ އަންނަ ގޮތަކުން ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހު ބައްޓަންވެގެންދާނެއެވެ.







