ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރު، އޭނާގެ ތާއީދު އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާ މުޙައްމަދު ޢަރީޝްއަށް އޮތްކަން ހާމަކުރައްވައިފިއެވެ.
އިބްރާހިމް އަބޫބަކުރު މިކަން ހާމަކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިންނެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ހުންނަވާ އިބްރާހިމް ވިދާޅުވީ، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ކުރިން ނިންމެވި ނަމަވެސް، މިހާރު އެ ނިންމެވުން ބަދަލުކުރައްވާފައިވާ ކަމަށެވެ.
އިބްރާހިމް އަބޫބަކުރު ވިދާޅުވީ، ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމަށެވެ. މާފަންނު ހުޅަނގު ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަކީ މިހާރު މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުގެ އިތުރުން، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެއެވެ.
އިބްރާހިމް އަބޫބަކުރުގެ މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއީ ޕާޓީގެ ކުރިއެރުމަށާއި އެއްބައިވަންތަކަމަށްޓަކައި އިބްރާހިމް ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ.
މީގެއިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، އިބްރާހިމް އަބޫބަކުރާއި މުޙައްމަދު ޢަރީޝްއަކީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެންވެސް، އަދި މިހާރުވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ރަނގަޅު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދެ ކައުންސިލަރުންނެވެ.
މި ނިންމެވުމާއެކު މާފަންނު ހުޅަނގު ދާއިރާގައި ސަރުކާރު ކޯލިޝަނުގެ ތާއީދު އޮންނާނީ ކޮންގްރެސް ޕާޓީގެ ރަސްމީ ކެންޑިޑޭޓް މުޙައްމަދު ޢަރީޝްއަށެވެ. ޑެޕިއުޓީ މޭޔަރަށް ތާޢީދު ކުރައްވަން ނިންމެވީތީ ރައީސް ވަނީ އިބްރާހިމަށް ޝުކުރު އަދާކުރައްވާފަ އެވެ.


