ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށްގެންދަވާ "ދޮރުން ދޮރަށް" ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު މާފަންނު ހުޅަނގު ދާއިރާއަށް ވަޑައިގެންފިއެވެ. އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ތިން ވޯޓެއް ހިމެނެއެވެ.

މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންނާއި ގިނަ އަދަދެއްގެ މެންބަރުން މި ހަރަކާތުގައި ބައިވެރިވިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއް ގޭގެއަށް ވަޑައިގެން އާއިލާތަކުގެ ހާލުބައްލަވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި މަގުމަތިން ބައްދަލުވި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާވެސް އެމަނިކުފާނު ވަނީ ސަލާމްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިއަދުގެ ހަރަކާތް ފެށުމުގެ ކުރިން މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ، އަދި މިހާރުވެސް ސިޓީ ކައުންސިލްގެ މެންބަރުކަން ކުރައްވާ އިބްރާހީމް އަބޫބަކުރު ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޙައްމަދު އަރީޝްއަށް ތާއިދުކުރައްވަން ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހުންނަވައި މީޑިއާއަށް މިކަން ހާމަކުރެއްވުމުން، ރައީސް ވަނީ އެ ނިންމެވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހުއެވެ. ފުރަތަމަ ބުރުގައި މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ ދާއިރާއަކަށް އެމަނިކުފާނު ޒިޔާރަތްކުރެއްވިއިރު، ދެވަނަ ބުރުގެ ހަރަކާތްތައް މިހާރު މިވަނީ މާލޭގެ ދާއިރާތަކުން އަލުން ފަށާފައެވެ.

ހިއްސާ ކުރައްވާ!