ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ވަޒީފާގެ ވަގުތުން ޚާއްސަ ވަގުތުތަކެއް ދޭންޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މަރުޙަބާ ވިދާޅުވެއްޖެއެވެ. މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގު ކުރެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، މި މުހިންމު ނިންމުމަކީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއް ކަމަށެވެ.

"މި މުހިންމު ފިޔަވަޅަކީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް" ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ ސަބަބުން މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިގެންދާނެކަމަށް ސާޖިދާ ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާޞިލުވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
ކުރިން އަމަލުކުރަމުންދިޔަ ގާނޫނުގައިވާ ގޮތުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދޭންޖެހެނީ ދަރިފުޅަށް އެއް އަހަރު ވަންދެނެވެ. ނަމަވެސް އަލަށް ގެނެވުނު އިސްލާހާއެކު، ދަރިފުޅުގެ އުމުރުން ދެ އަހަރު ވަންދެން މި ފުރުސަތު މައިންނަށް ލިބިގެންދާނެއެވެ.
މި ބަދަލާއެކު ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ބޭނުންވާ އަޅާލުމާއި ކާނާ ފޯރުކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިގޮތަށް ދެވޭ ވަގުތުކޮޅަކީ މުސާރައިން ނުކެނޑޭ ގޮތަށް ދޭންޖެހޭ ވަގުތެއް ކަމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
Childcare Time-Off Extended to Two Years as First Lady Welcomes Landmark Amendment





