"އިންތިޚާބުގެ ވާދަވެރިކަމުގެ ނޭދެވޭ އަސަރު އިޤްތިޞާދަށްވެސް އެބަކުރޭ. އިންވެސްޓްކުރާ ފަރާތްތަކުންވެސް ފުރަތަމަ އެބަބަލާ ސިޔާސީ ހަމަޖެހުމަށް. އަބަދުވެސް އިންތިޚާބެއްގެ ތެރޭގައި އުޅޭތީ އެކަމުގެ ކަންބޮޑުވުން އެފަރާތްތަކުން ވަނީ ހިއްސާކޮށްފައި،" ބަންޑާރަ ނާއިބު އަޙުމަދު އުޝާމް
ރާއްޖޭގައި އަބަދުވެސް އިންތިޚާބީ ވާދަވެރިކަމެއްގެ ތެރޭގައި އުޅެންޖެހުމުގެ ސަބަބުން އިޤްތިޞާދަށާއި ޤައުމުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ، ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކޮށް ރައްޔިތުންނަށް ހަމަޖެހުން ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ.
އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ކަންތައްތައް އޮތްގޮތުން ރިޔާސީ އިންތިޚާބަށްފަހު ހަ މަސް ދުވަސް ނުވަނީސް މަޖިލިސް އިންތިޚާބު އަދި އޭގެ ދެ އަހަރު ފަހުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ޖެހެއެވެ. މިކަމުގެ ސަބަބުން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ޚިދުމަތް ކުރުމަށް ލިބޭ ވަގުތު އިންތިޚާބީ ވާދަވެރިކަމުގެ ތެރޭގައި ގެއްލިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީކަން އުޝާމް ފާހަގަކުރެއްވިއެވެ. މި އިޞްލާޙުގެ މައިގަނޑު ދެ މަޤްޞަދެއް ވާކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި، އަދި ރައްޔިތުން އެގޮތަށް ނިންމައިފިނަމަ މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަސް ކަމުގައި ކަނޑައެޅުމެވެ.
އުޝާމް އިތުރަށް ވިދާޅުވީ، މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާތާ ގާތްގަނޑަކަށް ދެ ހަފްތާގެ ތެރޭގައި އައު މަޖިލިސްވެސް ހުވާކުރައްވާނެ ކަމަށެވެ. މީގެ ސަބަބުން ވޭތުވެދިޔަ 15 އަހަރު ތެރޭގައި ފެނިގެންދިޔަ އިންތިޚާބީ ދެކޮޅުވެރިކަމާއި ވާދަވެރިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.


