ދުނިޔޭގެ ހަކަތައިގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ފަހުގެ ތާރީޚެއްގައި ދުވަހަކުވެސް މަދު ނުވާ މިންވަރަށް މަދުވެފައިވާ ކަމަށް އދ. އާ ގުޅުންހުރި މެރިޓައިމް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ބަދަލާއެކު އެ ސަރަހައްދުގައި އީރާނުގެ ނުފޫޒު އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރެވިފައި ވާކަމަށް މުހައްލިލުން ބުނެއެވެ.
އދ. ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް އަންކްޓެޑް އިން އެއްކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހު ދުވާލަކު އެވްރެޖްކޮށް 129 އުޅަނދު ދަތުރުކުރި ނަމަވެސް، މާޗް މަހުގެ ކުރީކޮޅު މި އަދަދު ވަނީ ބައެއް ދުވަސްދުވަހު 3 އާއި 6 އާ ދެމެދުގެ އަދަދަކަށް ދަށަށް ގޮސްފައެވެ. މިއީ ސަރަހައްދީ ނުތަނަވަސްކަމާއި ސަލާމަތީ ސަބަބުތަކަށްޓަކައި ވިޔަފާރި އުޅަނދުތަކުން މި ކަނޑު އޮޅި ހުރަސް ނުކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުން ވަނީ ވަޢުދުއްޞާދިޤު4 އޮޕަރޭޝަނުގެ 59 ވަނަ މަރުހަލާގެ ވީޑިއޯތައް އާންމުކޮށްފައެވެ.
މީގެ ތެރޭގައި ފުރަތަމަ ފަހަރަށް އީރާނުން ވަނީ "ހާއްޖް ގާސިމް" މިސައިލް ބޭނުންކޮށްފަ އެވެ.
އީރާނުގެ އަސްކަރީ ކޮމާންޑަރު ސައްޔިދު މާޖިދު މޫސަވީ ވިދާޅުވީ، އެމެރިކާ އާއި ސަހްޔޫނީ ދުޝްމަނުންނާ ދެކޮޅަށް އީރާނުގެ ރައްޔިތުންގެ ވަރުގަދަ ހަމަލާތަކެއްގެ އާ މަރުހަލާއެއް ފަށާފައިވާ ކަމަށެވެ.
17 ދުވަސް ތެރޭގައި އީރާނުން ހުރުމުޒު ކޮންޓްރޯލު ކޮށްލުމުން ގިނަ ބަޔަކު ވަނީ އީރާންގެ ބާރުގަދަ ކަމާ މެދު ހައިރާން ވެފައެވެ. އަދި މިއީ ކުރިން ގަބޫލު ކުރެވުނު ހާލަތެއް ނޫން ކަމަށް ބުނެއެވެ.







