ސްރީލަންކާގެ ކަރަންޓު ނެޓްވޯކަށް ބާރުބޮޑުވެ، ރޭގަނޑު އިލެކްޓްރިކް ކާރު ޗާޖުކުރުން ހުއްޓާލުމަށް އަންގައިފި

"އިލެކްޓްރިކް ކާރު ގެންގުޅޭ ފަރާތްތަކުން މަސައްކަތް ނިންމާފައި އައިސް ކާރު ޗާޖަށް ޖަހަނީ. މީގެ ސަބަބުން ގްރިޑަށް ބާރުބޮޑުވެ، ހުރިހާ ޖަނަރޭޓަރުތަކެއް ހިންގަން އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި،" ސްރީލަންކާގެ ރައީސް

ސްރީލަންކާގައި އިލެކްޓްރިކް އުޅަނދުތައް ގެންގުޅޭ ފަރާތްތަކުން ރޭގަނޑު ވަގުތުތަކުގައި ކާރު ޗާޖުކުރުން ހުއްޓާލުމަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސްކޮށްފިއެވެ. މިގޮތަށް އަންގާފައިވަނީ ރޭގަނޑު ވަގުތު ކަރަންޓުގެ ޑިމާންޑް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ކަރަންޓު އުފެއްދުމަށްޓަކައި ގިނަ އަދަދަކަށް ކޯލާ ދެއްޔާއި ޑީސަލް އަންދަން ޖެހުމާ ގުޅިގެންނެވެ.

ގައުމާ މުޚާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް އަނޫރާ ކުމާރާ ޑިސާނަޔަކަ ވިދާޅުވީ، އިލެކްޓްރިކް ކާރުތައް ޗާޖުކުރުމުގެ ސަބަބުން ރޭގަނޑު ވަގުތުތަކުގައި އިތުރު 300 މެގަވޮޓްގެ ޑިމާންޑެއް އުފެދި، ގައުމުގެ ކަރަންޓު ނެޓްވޯކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. "އިލެކްޓްރިކް ކާރު ގެންގުޅޭ ފަރާތްތަކުން މަސައްކަތް ނިންމާފައި އައިސް ކާރު ޗާޖަށް ޖަހަނީ. މީގެ ސަބަބުން ގްރިޑަށް ބާރުބޮޑުވެ، ހުރިހާ ޖަނަރޭޓަރުތަކެއް ހިންގަން އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި،" އަންގާރަ ދުވަހުގެ ރޭ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގައި ރޭގަނޑު ބޭނުންކުރާ ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ 900 މެގަވޮޓްގެ ކޯލާ ދެލި އަންދާ ޕަވަރ ސްޓޭޝަނަކުންނާއި 1،000 މެގަވޮޓްގެ ޑީސަލް ޕްލާންޓްތަކުންނެވެ. ރައީސް ޑިސާނަޔަކަ އިރުޝާދު ދެއްވީ އިރުގެ އަލިން އުފައްދާ ހަކަތަ އިތުރުވާ ދުވާލުގެ ވަގުތުތަކުގައި ކާރުތައް ޗާޖުކުރުމަށެވެ. އަދި ރޭގަނޑު ޗާޖުކުރުން މަދުކުރުމަށްޓަކައި ވަރަށް އަވަހަށް އައު ޓެރިފްތަކެއް ތައާރަފުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލާ ގުޅިގން ހިންގަމުން ގެންދާ ޓެރަރިސްތް އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުގެ ސަބަބުން، ސްރީލަންކާއިން މިހާރު ވަނީ ތެޔޮ އިގްތިސާދު ކުރަން ފަށާފައެވެ. އަދި ތެޔޮ އިގްތިސާދު ކުރުމުގެ ގޮތުން ބުދަ ދުވަހުން ފެށިގެން ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ނިންމުމާއެކު ބުދަ ދުވަހު މަގުތަކުން ޓްރެފިކް މަދުވެ، ސްކޫލްތަކާއި ސަރުކާރު އޮފީސްތައް އަދި ބޭންކުތައް ވަނީ ބަންދުކޮށްފައެވެ.

ހަނގުރާމައިގެ ސަބަބުން 90 ހާސް ޓަނުގެ ސާފުނުކުރާ ތެލުގެ ދެ ޝިޕްމަންޓް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، އަވަށްޓެރި އިންޑިއާ އާއި ރަޝިއާ ފަދަ އެކުވެރި ގައުމުތަކާއެކު ސާފުކޮށްފައިވާ ތެޔޮ ގަތުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!