ޑިމެންޝިއާ ނުވަތަ ހަނދާން ނެތޭ ބަލި ތަހައްމަލުކުރާ މީހުންނަށް ރައްކާތެރިކަމާއެކު މިނިވަންކަމާއެކު ދިރިއުޅުމަށް އެހީތެރިވެދޭނެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރާ ސްމާޓް އައިނެއް އުފެއްދުމުގެ މަސައްކަތް ލަންޑަންގެ ޓެކް ކުންފުންޏަކުން އުފައްދައިފިއެވެ. ލަންޑަނަށް ނިސްބަތްވާ އެނިމޯފް ކޯޕަރޭޓިވްއިން އުފައްދާ މި އައިނަކީ "ކްރޮސްސެންސް" ނަމަކަށް ކިޔާ ސޮފްޓްވެއާއެއްގެ އެހީގައި މަސައްކަތްކުރާ އެއްޗެކެވެ.
މި އައިނަކީ މިހާރު ޓެސްޓްކުރުމުގެ މަރުހަލާގައިވާ އެއްޗެއް ކަމަށްވާއިރު، މިއީ އިނގިރޭސިވިލާތުގެ "ލޮންޖިޓިއުޑް ޕްރައިޒް އޮން ޑިމެންޝިއާ" އަށް ވެސް ހޮވިފައިވާ އުފެއްދުމެކެވެ. މި އައިނުގައި ހަރުކޮށްފައިވާ ކެމެރާތަކާއި އަޑު ދެނެގަތުމުގެ ނިޒާމުގެ އެހީގައި، ކުރިމަތީގައި ތިބޭ މީހުންނާއި، ތަކެއްޗާއި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެވޭނެއެވެ. އަދި އައިނު އަޅައިގެން ހުންނަ މީހާއަށް އޯޑިއޯ ނުވަތަ ވިޝުއަލް އިރުޝާދުތައް މީގެން ފޯރުކޮށްދޭނެއެވެ.
މި އައިނުގެ އެހީގައި ކުރިމަތީގައި ހުރި މީހާގެ ނަން ހަނދާންކޮށްދިނުމާއި، ސައި ހެދުން ފަދަ އާންމު ކަންކަން ކުރާނެ ގޮތުގެ އިރުޝާދު ދިނުމުގެ އިތުރުން، ކެކިކެކި ހުރި ކުރައެއް ފަދަ ނުރައްކާތެރި ތަކެތިން ސަލާމަތްވުމަށް އިންޒާރު ދޭނެއެވެ. މީގެ އިތުރުން މިއީ ހަނދާން އާކުރުމަށް އެހީތެރިވެދޭ ވަސީލަތެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެއެވެ.
މި އައިނު ޓެސްޓްކުރުމުގެ މަރުހަލާގައި، މޭޒުމަތީގައި ހުރި ބިސްކޯދުތަކާ ބެހޭގޮތުން ސުވާލުކުރުމުން، އެއީ ކޮން ބާވަތެއްގެ ބިސްކޯދުތަކެއްކަން އައިނުން ވަނީ ދެނެގަނެފައެވެ. މިއީ މިފަދަ ބަލިތައް ތަހައްމަލުކުރާ މީހުންނަށް ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ އެއްޗެއް ކަމަށް ބެލެވެއެވެ.
މި އައިނު އަދި އޮތީ ތަޖުރިބާކުރުމުގެ މަރުހަލާގައި ކަމަށްވީ ނަމަވެސް، މިއީ ކުރިމަގުގައި ޑިމެންޝިއާ ބަލި ހުންނަ މީހުންނަށް ގޭގައި ރައްކާތެރިކަމާއެކު އަމިއްލައަށް އުޅުމަށް މަގުފަހިކޮށްދޭނެ މުހިންމު ވަސީލަތަކަށް ވާނެ ކަމަށް އުފެއްދުންތެރިން އުންމީދު ކުރެއެވެ.







