އީރާނުން ދޭ ހަމަލާތައް ހުއްޓާލުމަކީ ސައޫދީގެ އެންމެ އިސް އަމާޒު ކަމަށް ބުނެފި

އެމެރިކާއާއި އިޒްރޭލުގެ ޓެރަރިސްޓް ހަމަލަތަކުގައި ސައޫދީ އަރަބިއްޔާގެ އެންމެ އިސް އަމާޒަކީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދޭ ދިފާއީ ހަމަލާތައް ހުއްޓުވުން ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އާލަސައުދު ވިދާޅުވެއްޖެއެވެ. ރިޔާޒުގައި ބޭއްވި ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް ސައޫދީން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ޕްރިންސް ފައިސަލް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ ސައޫދީ އަރަބިއްޔާއަށާއި، މި ހަމަނުޖެހުންތަކުގައި ބައިވެރިނުވާ އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކަމަށެވެ. އަދި މި ހަމަލާތައް ހުއްޓުވުމަށްޓަކައި ސިޔާސީ، އިގްތިސާދީ އަދި ޑިޕްލޮމެޓިކް ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުން ބުނާ ގޮތުގައި އެ ގައުމުތަކަށް މި ހަމަލަތައް ދެނީ އެމެރިކާގެ އުޅަނދުތަކަށް އެގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ހުއްދަ ދޭތީއާއި އެގައުމުތަކުން ބޯޓުތަކަށް ތެޔޮ އަޅައިދީ ނުސީދާ ކޮށް މި ކަމުގައި އެެމރިކާއަށް ވާގިވެރިވާތީއެވެ.

އީރާނުން އަވަށްޓެރި ގައުމުތަކާ ވާހަކަދެއްކުމުގެ ބަދަލުގައި ބޭނުންކުރަނީ ފިއްތުންތައް ކުރިމަތިކުރުވުމުގެ ސިޔާސަތެއް ކަމަށް ތުހުމަތުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ އަމަލުތަކުގެ ސަބަބުން ސައޫދީން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"މި ފިއްތުންތަކުގެ ނަތީޖާ ނުކުންނާނީ އީރާނަށް ގެއްލުންވާ ގޮތަށް. އަދި މަޖުބޫރުވެއްޖެ ހާލަތެއްގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ސައޫދީއަށް ލިބިގެންވޭ،" ޕްރިންސް ފައިސަލް ވިދާޅުވިއެވެ.

އީރާނުން އާންމުންގެ މުދަލާއި ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ތުހުމަތުކުރައްވަމުން، އެއީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރުމުން ދޭ ހަމަލާތަކެއް ކަމަށް ބުނެ އީރާނުން ދައްކާ އުޒުރުތައް ސައޫދީން ވަނީ ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ.

އީރާނުން މި ހަނގުރާމައިގެ ކުރިންވެސް ބުނެފައި ވަނީ އީރާނަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ އަރަބިން ބަހައްޓައިގެން އުޅޭ އެމެރިކާގެ މަރުކަޒުތަކަށް ހަމަލަ ދޭނެ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން އީރާނަށް އޮތް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށާއި، އީރާނުން އެގައުމުގެ އަމަލުތައް އަލުން މުރާޖައާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރިޔާޒުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ފޮރިން މިނިސްޓަރުން ވަނީ އީރާނުން އެކި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެ ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ.

މިބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަކީ އީރާނާއެކު އޯއައިސީގައި ބައިވެރިވާ ގައުމުތަކަށް ކަމަށްވާއިރު މިއިން އެއްވެސް ގައުމަކުން އީރާނަށް ސޮލީބީންނާއި ޒަޔަނިސްޓުން ދިން ޓެރަރިސްޓް ހަމަލަތަކާއި ޝަހީދުކޮށްލި ލީޑަރުންނަށް ހަމްދަރްދީ ފާޅުކޮށް ކުށްވެރިުކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!