ރައީސުލްޖުމްހޫރިއްޔާ މިއަދު ހެންވޭރު ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ފަރާތުން ކުރިއަށްގެންދާ ސިލްސިލާ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެންވޭރު ދެކުނު ދާއިރާއަށް ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔައިފައެވެ.

މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހެންވޭރު ދެކުނުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި، އެ ގޭގޭގައި ދިރިއުޅޭ އާއިލާތަކުގެ ހާލު ބައްލަވައިލައްވާފައެވެ. މީގެ އިތުރުން، މަގުމަތިން ބައްދަލުވި އާއްމު ރައްޔިތުންނާ ވާހަކަދައްކަވައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ހުށަހެޅުންތައް އަޑުއެއްސެވުމުގައި އެމަނިކުފާނު ގިނަ ވަގުތުތަކެއް ހޭދަކުރެއްވިއެވެ.

މިއަދުގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެން އިމްރާން ލަތީފް ބައިވެރިވަޑައިގެންނެވިއެވެ. އަދި ކޮންގްރެސް ޕާޓީގެ މޭޔަރ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާކަމަށް ވާދަކުރައްވާ އުސްތާޒާ އާޝިޔަތު އަލައިކާ އަދުދާން ވެސް މި ހަރަކާތުގައި ބައިވެރިވަޑައިގެންނެވިއެވެ.

މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ފެއްޓެވި ދޮރުން ދޮރަށް ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވަޑައިގެންނެވި 22 ވަނަ ހަރަކާތެވެ. މީގެކުރިން އެމަނިކުފާނު ވަނީ މާލެ ސަރަޙައްދުގެ 17 ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ހަރަކާތްތަކުގައި ބައިވެރިވަޑައިގަންނަވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!