ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް ނުރައްކަލެއް އޮތް ކަމަކަށް މިދަނޑިވަޅަކު ނުފެނޭ: ވަޒީރު ޣައްސާން

"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ވަޒީރު ޣައްސާން

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް މިވަގުތު ނެތް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭ ގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. އަދި މިވަގުތުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް އަސްކަރީ ބިރުވެރިކަމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަކަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް މިދަނޑިވަޅަކު ނުފެނޭ," ވަޒީރު ޣައްސާން ވިދާޅުވިއެވެ.

މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ހިއްސާ ކުރައްވާ!