ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ގޮތުން "ރިމޯޓް ވޯކިން ވިސާ" އާއި "ކޮންޓެންޓް ކްރިއޭޓިވް ވިސާ" އެއް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ތާރިޤު އިބްރާހިމްއެވެ.
ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްޞަކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ 30 އިންސައްތަ ހިއްސާކުރަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށްވާއިރު، އެ ދަތުރުތައް ކެންސަލްވުމަކީ އިޤްތިސާދަށް ލިބޭ ބޮޑު ގެއްލުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން ސްޕިއާ ފިޝިންއާއި، ޓެކްނިކަލް އަދި ރިކްރިއޭޝަނަލް ޑައިވިންއަށް ރާއްޖެ ހުޅުވާލަން މިހާރު ވަނީ ނިންމާފައެވެ. މީގެ އިތުރުން ސުޕަ ޔޮޓާއި ލިވަބޯޑް ޗާޓާ ޓޫރިޒަމް ހަރުދަނާކޮށް، ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ހަލާލު ޓޫރިޒަމް ފުޅާކުރުމަށް ވެސް މަސައްކަތްތަކެއް ކުރަން ވަނީ ނިންމާފައެވެ.
ވިސާގެ މަރުހަލާތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން އެނބުރި ޤައުމަށް ދާން ބޭނުންނުވާ ފަތުރުވެރިން ވިސާގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތުން އެއީ އުނދަގޫ މަރުހަލާއެއް ކަމަށްވާތީ، އާ ވިސާތަކެއް ތަޢާރަފުކޮށް ވިސާގެ މުއްދަތު އިތުރުކުރުން ފަސޭހަކޮށްދިނުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 562,956 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި މި އަހަރުގެ ފުރަތަމަ ދެ މަހަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ދެ މަސް ނަމަވެސް، މި ހިނގާ މަހު ރާއްޖެއަށް އައީ 97,000 ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކުރީގެ ދެ މަހާ އަޅާބަލާއިރު 21 އިންސައްތައިގެ ދަށްވުމެކެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ބަދަލުވަމުންދާ ދުނިޔޭގެ ޙާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުންތައް ކުޑަކޮށް، އާ މާކެޓްތަކަށް ފުރުސަތު ހުޅުވާލުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީވަޒީރުގެ އިތުރުން، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، މާލީ ވަޒީރު، މޫސާ ޒަމީރާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު، މުޙައްމަދު އަމީނާއި، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމާއި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދާއި، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެން، މަޢުލޫމާތު ހިއްސާކުރެއްވިއެވެ.





