"ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމަށް އިސްކަންދެވޭނެ" މޫސާ ޒަމީރު
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން އަޅާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ރައްޔިތުންނަށް އެކަމުގެ ސަބަބުން އިތުރު ބުރައާއި ތަކުލީފެއް ނާންނާނެ ގޮތަށް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މިކަމަށްޓަކައި އެކުލަވާލާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ހަނގުރާމަ ދިގުދެމިގެން ދިއުމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް މަސައްކަތް ކުރާއިރު، ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށެވެ. އަދި އެހެން ޤައުމުތަކުން އެކި ފިޔަވަޅުތައް އަޅަމުންދިޔަ ނަމަވެސް، ރާއްޖެއިން ސީދާ ފިޔަވަޅުތަކެއް އިޢުލާނު ނުކުރަނީ އެކަމުގެ ސަބަބުން އަތުވެދާނެ ނޭދެވޭ އަސަރުތަކަށް ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރު މޫސާ ޒަމީރު މި ބައްދަލުވުމުގައި ވިދާޅުވީ، ހަނގުރާމަ ދިގުލައިގެން ދިޔަ ނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަށް ކަންކަން ރޭވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ. "ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖެއިން ބޭރުގައި ކިޔަވަންތިބި ކުދިންނަށް ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސް ފީތައް ފޮނުވުމުގެ ކަންތައް ހަމައަކަށް އެޅުވުމަށް އިސްކަންދެވޭނެ" ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަރަދު ކުޑަކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މަރުކަޒީ ބޭންކާއި، މީރާ އަދި މާލީ ވުޒާރާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިވަގުތަށް ސަރުކާރުން ނިންމާފައިވަނީ ޚަރަދު ކުޑަކޮށްގެން މިހާރު ލިބޭ ކޭޝްފްލޯ ބަލަހައްޓައިގެން ކުރިއަށް ދިއުމަށެވެ. މީގެ އިތުރުން ސަރުކާރުގެ ކޭޝްފްލޯ ބެލެހެއްޓުމުގައި އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް، ކޮންމެ އާދިއްތަ ދުވަހެއްގެ ހަވީރު 4:00 ގައި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ނޫސްވެރިންގެ ބައްދަލުވުން ބާއްވަައެވެ.



