ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ގދ. ތިނަދޫ ސިޓީގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ. ފަސްޓް ލޭޑީ ފުވައްމުލަކަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއަދު ހަވީރު 5:45 އެހާއިރު ފަސްޓް ލޭޑީ ފުވައްމުލަކަށް ވަޑައިގެންނެވިއިރު، އެއާޕޯޓު ސަރަހައްދުން ފެށިގެން ވަރަށް ދުރަށް ރައްޔިތުން ވަނީ ސަފު ހަދައި، އެކަމަނާގެ އިސްތިގުބާލުގައި މަޑުކޮށްފައެވެ. ސާޖިދާ ވަނީ އެ ސަރަހައްދަށް ޖަމާވި ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވައި، ސަލާންގަލާން ކުރައްވާފައެވެ.

ފުވައްމުލަކަށް ކުރައްވާ މި ޒިޔާރަތުގައި އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ މަސީހާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށާއި އެކި ދާއިރާތަކުގެ ކައުންސިލަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކަމަނާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އެ ސިޓީގައި ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކަށް ވަޑައިގަތުމުގެ ކުރިން ފަސްޓް ލޭޑީ ވަނީ ތިނަދޫ ސިޓީގައި ޕީއެންސީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން ތިނަދޫ ކައުންސިލާއި ޑަބްލިއުޑީސީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި، ކެމްޕެއިންގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ތިނަދޫގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި، އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު އަޖީބުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ހަފުލާގައި ސާޖިދާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތިނަދޫގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި، ކެންޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހަރަކާތުގައި ވެސް އެކަމަނާ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.




