ގދ. ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، އެ ސިޓީގައި އަލަށް ތަރައްގީކުރާ 50 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. ތިނަދޫގައި މިއަދު ބޭއްވި ވަކިވަކި ދެ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ.
މަގުތައް ހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ތިނަދޫގެ 50 މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން މައުލޫމާތު ދޭ ގޮތުގައި، މި ފިޔަވަހީގައި ޖުމްލަ 19.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް 1,440 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.
ތިނަދޫގައި މިއަދު އަމަލީ މަސައްކަތް ފެށި 50 ހައުސިން ޔުނިޓުގެ މަޝްރޫއަކީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ ހައުސިން ޔުނިޓުތަކަކީ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.
މީގެ އިތުރުން، ތިނަދޫގައި ތަރައްގީކުރާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 1,022 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިހާރު ކުރިއަށްދަނީ އެ އެޕްލިކޭޝަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ފޯމުތައް އިވެލުއޭޓުކޮށް ނިމުމުން، ހައުސިން ޔުނިޓުތައް ހައްގުވާ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެއެވެ. މި މަޝްރޫއުތަކަކީ ތިނަދޫ ސިޓީގެ އުމްރާނީ ތަރައްގީއަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.


