މެދުއިރުމަތީގައި އެމެރިކާއާއި ޔަހޫދީން ސަރަޙައްދު ނުތަނަވަސް ކުރުމުން ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސްގެ ބައެއް ބޯޓުތައް ވަގުތީ ގޮތުން ގައުމުން ބޭރުގެ އެއާޕޯޓުތަކަށް ދަނީ ބަދަލުކުރަމުންނެވެ. އެގޮތުން ސްޕެއިންއަށް ބައެއް ބޯޓުތއް ބަދަލުކޯށްފައި ވެއެވެ. އަދި ސްރީލަންކާގެ މަތާރާ އެއާޕޯޓަށްވެސް ބައެއް ބޯޓުތައް ބަދަލުކޮށް އޮޕަރޭޝަން ފެށުމަށްވެސް ވާހަކަ ދައްކަމުން ދެއެވެ. އެ ކުންފުނީގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އޭވިއޭޝަން ދާއިރާގެ ހަރަކާތްތައް އާންމު ހާލަތަކަށް ރުޖޫޢަވުމުން އެ ބޯޓުތައް އަލުން ދަތުރުތަކުގައި ބޭނުންކުރަން ފަށާނެއެވެ.
މި ދަނޑިވަޅުގައި، "މިހާރުގެ އޮޕަރޭޝަނަލް މާހައުލަށް އަންނަމުންދާ ބަދަލުތަކަށް" ރިއާޔަތްކޮށް، ގައުމުން ބޭރުގައި މަޑުކުރުވާފައިވާ ބޯޓުތަކުގެ ސީދާ އަދަދު ހާމަކުރުމަށް ގަތަރު އެއާވޭސްއިން ވަނީ އިންކާރުކޮށްފައެވެ.

ފްލައިޓްރޭޑާ އިން ބުނާގޮތުގައި، ފާއިތުވި މަދު ދުވަސްތަކުގެ ތެރޭގައި ގަތަރު އެއާވޭސްގެ ގާތްގަނޑަކަށް 20 ބޯޓެއް ވަނީ ސްޕެއިންގެ ޓެރުއެލް އެއާޕޯޓަށް ބަދަލުކޮށްފައެވެ. މިއީ ޔޫރަޕްގައި މަތިންދާބޯޓު މަރާމާތުކުރުމަށާއި ގިނަ ދުވަހަށް ބޯޓުތައް ބެހެއްޓުމަށް ހުންނަ އެންމެ ބޮޑު އެއް މަރުކަޒެވެ.
މެދުއިރުމަތީގެ މަސްރަހު އެމެރިކާއާއި ޔަހޫދީން ނުތަނަވަސް ކުރުމާ ގުޅިގެން ފެބްރުއަރީ 28 ގައި ގަތަރުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. މާޗް 7 ގައި ވަކި ހާއްސަ އެއާ ކޮރިޑޯއެއް ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު، ހަމަދު އެއާޕޯޓުން ކަނޑައެޅޭ ވަކި މަންޒިލްތަކަކަށް ގައުމުގެ ރައްޔިތުންނާއި ކަސްޓަމަރުން އުފުލުމުގެ ދަތުރުތައް ފެށިއެވެ.
މާޗް 9 ގައި، ވައިގެ ސަރަހައްދު ބަންދުކުރި ފަހުން މޮސްކޯއަށް ކުރި ފުރަތަމަ ޚާއްސަ ފްލައިޓް އެ އެއާލައިނުން އޮޕަރޭޓްކުރިއެވެ. އަދި މާޗް 18 ގައި ތާވަލު ދަތުރުތައް އަލުން ފެށި ނަމަވެސް، އޭގެ ކުޑަދުވަސްކޮޅެއް ފަހުން ކަސްޓަމަރުންނަށް ވަނީ ފްލައިޓްތައް ކެންސަލްވުމުގެ މައްސަލަތަކާ އަލުން ކުރިމަތިލާން ޖެހިފައެވެ.




