ސޫރިޔާ: ބަނގުރާ މަނާ ކުރުމުން ގިނަ ބަޔަކު ނިކުމެ އިހުތިޖާޖު ކޮށްފި

ސޫރިޔާގައި ރެސްޓޯރެންޓްތަކާއި ނައިޓްކްލަބްތަކުގައި ބަނގުރާ ވިއްކުން ހަނިކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން، ސޫރިޔާގެ އެތައް ސަތޭކަ ބަޔަކު ދިމިޝްގަށް އެއްވެ ހިމޭން އިހުތިޖާޖެއް ކޮށްފިއެވެ.

މަދަނީ ޖަމިއްޔާތަކުގެ އެދުމުގެ މަތިން، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މާހައުލެއްގައި، ނަސާރާ އާބާދީ ބޮޑު ބާބް ތޫމާ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން އެއްވީ، 2024 ވަނަ އަހަރުގެ ފަހުކޮޅު ރައީސް ބައްޝާރުލް އަސަދު މަގާމުން ދުރުކުރުމަށްފަހު ވެރިކަމާ ހަވާލުވި ޝެއިޚު ޖައުލާނީގެ އާ ސަރުކާރުން އަމިއްލަ މިނިވަންކަމަށް އަރައިގަނެފާނެތީ އޮތް ބިރުވެރިކަން ހާމަކުރުމުގެ ގޮތުން ކަމަށް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ސޫރިޔާގެ ދިދަ އާއި އަރަބި އަދި އިނގިރޭސި ބަހުން ލިޔުންތައް ހުރި ބޯޑުތައް އުފުލާފައިވާއިރު، އޭގެ ތެރެއިން އެއް ބޯޑުގައި "އަމިއްލަ މިނިވަންކަމަކީ ރަތް ރޮނގެއް" ކަމަށް ލިޔެފައިވެއެވެ.

"ގާނޫނުއަސާސީގެ މާއްދާތަކަކީ ހައްގެއް، އެއީ އެދޭ އެދުމެއް ނޫން" މިހެން ލިޔެފައިވާ ބޯޑެއް ހިފައިގެން ހުރި ޔުނިވާސިޓީ ޕްރޮފެސަރެއް ކަމަށްވާ ހަނާން އާސީ (60 އަހަރު) ބުނީ، ފަގީރުކަމުން ފެށިގެން ގޮސް ގެދޮރު ގެއްލިފައިވާ މީހުންނާއި ރެފިއުޖީންނާ ހަމައަށް ސޫރިޔާގެ ރައްޔިތުންގެ "ހަނދާން ނެތިފައިވާ އެތައް ހާސް މައްސަލަތަކެއް" އެބަހުރި ކަމަށެވެ. އަދި "އަހަރެމެން މިތިބީ ބިނާކުރުމުގެ މަރުހަލާއެއްގައި، ބައިބައިކުރުމުގެ މަރުހަލާއެއްގައެއް ނޫން" ކަމަށްވެސް އޭނާ އިތުރުކުރިއެވެ.

މި ބަހުސް އުފެދިފައިވަނީ ފާއިތުވި މަސްތަކުގައި ނެރުނު ސިލްސިލާ ނިންމުންތަކަކާއި، މިނިވަންކަމާ މެދު ކަންބޮޑުވުން އުފެދޭ ފަދަ ފިޔަވަޅުތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި ގޮނޑުދޮށްތަކާއި ސްވިމިންގ ޕޫލްތަކުގައި ނިވާކަން ކުޑަ ހެދުން މަނާކުރުމުގެ ގަވާއިދުތަކާއި، ލާޒިޤިއްޔާގައި ވަޒީފާ އަދާކުރާ އަންހެނުން މޭކަޕް ކުރުން މަނާކުރުމާ ގުޅޭ ނިންމުންތައް ހިމެނެއެވެ.

ކޮމެޑީ ޓީމު "ސްޓީރިއާ" ގެ މެންބަރެއް ކަމަށްވާ މަލްކީ މަރުދާނިއަލް (31 އަހަރު) ވެސް މި މުޒާހަރާގައި ބައިވެރިވިއެވެ. އޭނާ ވަނީ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ސަރުކާރުގެ ނިންމުމަށް މަލާމާތްކޮށްފައެވެ.
އޭނާ ބުނީ "ކޮމެޑީއަކީ ކަމާބެހޭ ފަރާތްތަކާ ދެކޮޅަށް އަހަރެމެންގެ އަތުގައި އޮތް ލުއި ހަތިޔާރެއް، އަދި އެފަރާތްތަކުން ނެރޭ ނިންމުންތަކުން މީހުން ހެއްވާލަނީ އަހަރެމެން ހަދާ ކޮމެޑީއަށްވުރެ ބޮޑަށް" ކަމަށެވެ. އަދި މީހުން މައިދާންތަކަށް އެއްކުރުވަނީ ސަރުކާރުގެ ނިންމުންތަކުން ކަމަށްވެސް އޭނާ ބުންޏެވެ.

ޓީވީ ސްކްރިޕްޓް ރައިޓަރު ރާމީ ކޫސާ (37 އަހަރު) ބުނީ، މި ނިންމުންތަކުގެ ބޭނުމަކީ ސިޓީގެ އައިޑެންޓިޓީ ބަދަލުކުރުމަށްޓަކައި އާންމު މިނިވަންކަން ހަނިކުރުމުގެ ގޮތުން މިފަދަ އެހެން ނިންމުންތައް ނެރުމުގެ ކުރިން ރައްޔިތުންގެ ވިންދު ބެލުން ކަމަށްވާނަމަ، އެ މެސެޖު މިހާރު ލިބެންވާނެ ކަމަށެވެ. އަދި މިފަދަ ނިންމުންތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި އިހުތިޖާޖު ކުރިއަށްދަނީ ސޫރިޔާގެ ދީނީ ބައިމަދު ގްރޫޕްތަކުގެ މެދުގައި، ހާއްސަކޮށް ނަސާރާއިންގެ މެދުގައި ކަންބޮޑުވުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޖޫން މަހު ދިމިޝްގުގެ އައްދުވައިލާ ސަރަހައްދުގައި ފައްޅިއެއް ގޮއްވާލުމާއި، ޖުލައި މަހު ދްރޫޒް ދަރިކޮޅުގެ މީހުން ގިނަ އައްސުވައިދާގައި ހިނގި ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކާއި، އަދި އުތުރު އިރުމަތީގައި ތިބި ކުރުދީންނާއި ސަރުކާރާ ދެމެދު ދޭތެރެ ދޭތެރެއިން އުފެދޭ ނުތަނަވަސްކަމުގެ ސަބަބުން މި ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

ދިމިޝްގު ގަވަރުނަރޭޓުން މާރިޗު 17 ގައި ނެރުނު ނިންމުމެއްގައިވަނީ، ބަންދުކޮށްފައި ހުންނަ ބަނގުރާ ވިއްކުން ނަސާރާ އާބާދީ ބޮޑު ތިން ސަރަހައްދެއް ކަމަށްވާ އަލްގައްސާޢު، ބާބް ތޫމާ އަދި ބާބް ޝަރުގީއަށް ހަނިކޮށް، ރެސްޓޯރެންޓްތަކާއި ކްލަބްތަކުގައި އެ ތަކެތި ސާވްކުރުން މަނާ ކުރާ ކަމަށެވެ. މި ނިންމުން ނިންމީ އާންމުންގެ ޝަކުވާތަކާ ގުޅިގެން "އާންމު އަދަބު އަހުލާގާ ޚިލާފު ކަންކަން" ހުއްޓުވުމަށް ކަމަށް ބުނެފައިވެއެވެ.

ސަރުކާރުގައި ހިމެނޭ ހަމައެކަނި ނަސާރާ ދީނަށް ނިސްބަތްވާ ވަޒީރު، ސޯޝަލް އެފެއާޒް މިނިސްޓަރު ހިންދު ގަބްވާތު ވަނީ ބަނގުރާ ވިއްކުން ހަމައެކަނި ނަސާރާ ސަރަހައްދުތަކަށް ޚާއްސަކުރުމުން ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުތަކަކީ "ބަނގުރާ ވިއްކާ ތަންތަނެއް ނޫން، އެއީ ދިމިޝްގުގެ ހިތް އަދި އޭގެ އުޖާލާ ތާރީޚު، އަދި އެކުގައި ދިރިއުޅުމުގެ ނަމޫނާ" ކަމަށެވެ.

ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އާ ފިޔަވަޅުތަކަކީ މީގެ އެތައް އަހަރެއް ކުރިން ނެރެފައިވާ ގަރާރުތަކާ "އެއްގޮތް" އަޅާ ފިޔަވަޅުތަކެއް ކަމަށާއި، އޭގެ ބޭނުމަކީ ބަނގުރާ ވިއްކާ ތަންތަނުގައި އޮތް "ބޮޑު ހައިޖާނު" ނިޒާމަކަށް ފެއްތުން ކަމަށެވެ. އަދި އެއްވެސް ބަޔަކަށް ދެރައެއް ނުލިބޭނެ ގޮތަށް، ނިންމުމުގައި ބަޔާންކޮށްފައިވާ ތިން ސަރަހައްދުގެ މައްސަލަ އަލުން މުރާޖައާ ކުރާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!