މާލޭ ޓެކްސީގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ "މާލެ ޓެކްސީ" ލައިންގެ ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ޝިޕްމަންޓް މިހާރު ވަނީ ހުޅުމާލެ ޕޯޓަށް ބާލާފައެވެ.

މި ފަހަރު ގެނެސްފައިވަނީ ޖުމްލަ 60 ކާރެވެ. ސަރުކާރުގެ އަމާޒަކީ ފުރަތަމަ ބުރުގައި 150 ކާރާއެކު ޚިދުމަތް ފެށުމެވެ. އެގޮތުން ބާކީ އޮތް 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިން މޮޑެލެއްގެ ކާރުތަކެވެ. މީގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ތައިލެންޑުން ގެންނައިރު، އަނެއް ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާއިންނެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ތަކެވެ.

މި ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން ވަނީ 407 ޑްރައިވަރުން ހޯދުމަށް ނިންމާފައެވެ. މީގެ ތެރެއިން 122 ޑްރައިވަރުންނަކީ ފުލްޓައިމްކޮށް މަސައްކަތް ކުރާނެ މުވައްޒަފުންނެވެ. މި ޓެކްސީ ލައިންގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ޚިދުމަތް ހޯދުމަށްޓަކައި ރާއްޖޭން ބޭރުގެ ކާމިޔާބު ޓެކްސީ ޚިދުމަތްތަކެކޭ އެއްގޮތަށް ޚާއްޞަ އެޕްލިކޭޝަނެއް ބޭނުންކުރާނެއެވެ. މީގެ އިތުރުން މިހާރު ވަނީ ޚާއްޞަ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1655 ތައާރަފުކޮށްފައެވެ.

ހިއްސާ ކުރައްވާ!