އީރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް ތުރުކީގައި ފަށަނީ

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެ ގައުމާއި އެމެރިކާއާ ދެމެދު މެދުކެނޑިފައިވާ މަޝްވަރާތައް ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލްގައި އަލުން ފެށުމަށް ނިންމައިފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އީރާނާއި އެމެރިކާގެ އޮފިޝަލުންނެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ބައިވެރިވެވަޑައިގަންނަވާއިރު، އީރާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއެވެ. ސަރަހައްދީ ޑިޕްލޮމޭޓުން ހާމަކުރި ގޮތުގައި މި މަޝްވަރާތަކުގައި ސައުދީ އަރަބިއްޔާ، މިސްރު، ގަތަރު އަދި ޔޫއޭއީ ފަދަ ގައުމުތަކުގެ މަންދޫބުން ވެސް ބައިވެރިވާނެއެވެ. މީގެ ބޭނުމަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކޮށް، ޑިޕްލޮމެޓިކް ހައްލެއް ހޯދުމެވެ.

  • މަޝްވަރާގެ މައިގަނޑު ޝަރުތުތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޝްވަރާތައް އަލުން ފެށުމަށް ތިން ޝަރުތެއް ކުރިމަތިކުރައްވާފައެވެ. އެއީ ޔުރޭނިއަމް މުއްސަނދިކުރުން މުޅިން ހުއްޓާލުމާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމް ހަނިކުރުމާއި، އަދި ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ދޭ އެހީތެރިކަން ހުއްޓާލުމެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ މިއީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

މިގެ ކުރިން އިރާގާއި ލީބިޔާއަށް ކުރިމަތި ކުރި މި ފަދަ ޝަރުތުތަކުން އެ ގައުމުތަކުން ވަނީ ބޮނޑި ބޮއެފައެވެ. އީރާނުން ބުނެފައި ވަނީ އިސްތިގްލާލަށް ބުރޫ އަރާފަ ކަމަކަށް ދޫ ދިނުމެއް ނޯންނާނެ ކަމަށެވެ.އ ަދި ހަނގުރާމައެއް ފަށައިފިނަމަ އެންމެން ސުންނާފަތިކޮށްލާނެ ކަމަށެވެ.

އީރާނުގެ އޮފިޝަލަކު ވިދާޅުވީ، "މަޝްވަރާތައް ފެށުމަށްޓަކައި އެއްވެސް ޝަރުތެއް އޮވެގެން ނުވާނެ" ކަމަށެވެ. އެހެންނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުމުގައި ބޮމެއް ނު އުފެއްދުމަށް ޔަގީންކަން ދިނުމަށް ތައްޔާރަށް އޮތްކަމަށާއި، އޭގެ ބަދަލުގައި އީރާނާ ކައިރީގައިވާ އެމެރިކާގެ އަސްކަރީ މަނަވަރުތައް ދުރުކުރަން ޖެހޭނެ ކަމަށް އީރާނުން ބުނެއެވެ.

މި މަޝްވަރާތައް މި ފެށެނީ އީރާނުގެ އެތެރޭގައި އިޒްރޭލާއި އެމެރިކާއިން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއިން އެ ގައުމުގެ އައްސޭރިފަށަށް އަސްކަރީ މަނަވަރުތައް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން އެމެރިކާގެ މަނަވަރުތައް ފައްތާލާނެ ކަމަށް ބިރު ދެއްކުމުން ވަނީ އެ މަނަވަރުތައް އިންޑިއާ ކަނޑަށް ބޭރުކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އީރާނަށް އަޅާފައިވާ ބޭއިންސާފު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން އެމެރިކާގެ މަންދޫބު ވިޓްކޮފް އިސްރާއީލަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކިބައިން ވަސްވާސް ލިބިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!