ޕާކިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު ވަކީލު އިމާން މަޒާރީއާއި އޭނާގެ ފިރިމީހާ ހާދީ ޗައްތާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން، ޕާކިސްތާނުގެ އެތެރެއާއި ބޭރުގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން އެޑިޝަނަލް ޑިސްޓްރިކްޓް އެންޑް ސެޝަންސް ޖަޖު މަޖޯކާ އިއްވި މި ހުކުމަކީ ސިޔާސީ މަގްސަދެއްގައި ނެރުނު ހުކުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ގާނޫނީ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މި ހުކުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ކުރި ކަމެކެވެ. ހާއްސަކޮށް، އޮންލައިން ކޮންޓެންޓް ރީޕޯސްޓް ކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަކީ އަދުލު އިންސާފުގެ ނިޒާމަށް އޮތް ބިރެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. މި ހުކުމް އައިސްފައިވަނީ ޕާކިސްތާނުގެ ގާނޫނުއަސާސީއަށް ގެނައި 26 ވަނަ އަދި 27 ވަނަ އިސްލާހާއި، 2025 ވަނަ އަހަރުގެ އިލެކްޓްރޯނިކް ކްރައިމްސް އެކްޓަށް ގެނައި ބަދަލުތަކާއެކު މަދަނީ މިނިވަންކަން ހަނިވެފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކުގެ ސަބަބުން އޮންލައިންކޮށް ހިޔާލުފާޅުކުރުމުގެ މައްޗަށް ދައުލަތުގެ ކޮންޓްރޯލް ވަނީ ވަރުގަދަވެފައެވެ. މީގެ އިތުރުން، ދައުވާއެއް ނުކޮށް ގިނަ ދުވަހު ބަންދުގައި ބޭތިއްބުމުގެ ބާރާއި، ސަލާމަތީ ބާރުތަކަށް ބާރުގެ ބޭނުންކުރުމުގެ އިތުރު ބާރުތައް ވަނީ ދީފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މީގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި، ނޫސްވެރިންނާއި އެކްޓިވިސްޓުންގެ އަޑު ވަނީ ކަނޑުވާލާފައެވެ.
އިމާން މަޒާރީއަކީ ޕާކިސްތާނުގައި މީހުން ގެއްލުވާލުމާއި ދީނަށް ފުރައްސާރަކުރުމުގެ މައްސަލަތަކުގައި ވަކާލާތުކުރާ ފާހަގަކޮށްލެވޭ ވަކީލެކެވެ. ވަކީލުން ގަބޫލުކުރާ ގޮތުގައި، މޒީގެ މައްސަލަތައް އަލުން ހުޅުވައިގެން އޭނާއަށް މިފަދަ ބޮޑު އަދަބެއް ދިނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުންނެވެ.
މީގެ އިތުރުން، އާންމު މީހުންނަށް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ނުހިންގޭނެ ކަމަށް 2023 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ނިންމުން ކޮންސްޓިޓިއުޝަނަލް ބެންޗުން ބަދަލުކުރުމަކީ ވެސް ކަންބޮޑުވުން އޮތް ކަމެކެވެ. މެއި 9 ގެ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 105 މީހުންގެ މައްޗަށް މިހާރު ވަނީ އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ހިންގައި ހުކުމްކޮށްފައެވެ.
މި ހުކުމުގެ ސަބަބުން ޝަރުއީ ނިޒާމަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތަކާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ މީހަކަށް އޮތް ބިރެއް ކަމަށް ވެސް އެ ފަރާތްތަކުން އިންޒާރުދެއެވެ.





