އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކަކީ ގަލްފްގެ އަރަބި ގައުމުތައް ވުޖޫދުގައި ދެމިއޮތުމަށާއި ސަލާމަތަށް އޮތް "ނުރައްކާތެރި ބިރުވެރިކަމެއް" ކަމަށް ބުނަމުން ގަލްފްގެ ގައުމުތަކުން އީރާނާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހަށް ޝަކުވާ ހުށަހަޅައިފިއެވެ. އަދި މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ގައުމުތަކުން ވަނީ އދގެ ސަލާމަތީ މަޖިލީހަށް ގޮވާލާފައެވެ.
އދ. އަށް ހުށަހެޅި ގުޅިފައިވާ ސިޓީއެއްގައި ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ބަހްރޭން، ކުވެއިތު އަދި އޮމާން އިން ބުނެފައިވަނީ، އެއްފަހަރާ އެތައް ގައުމަކަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކަކީ އެއްވެސް ބެލުމެއް ނެތި ދީފައިވާ ހަމަލާތަކެއް ކަމަށާއި، މިއީ ސަރަހައްދީ އަސްކަރީ ހަރަކާތްތަކުގައި އީރާނުން ކުރިން އަމަލުކޮށްފައި ނުވާ ފަދަ ނުރައްކާތެރި މިންވަރަކަށް ހާލަތު ގޯސްކުރުމެއް ކަމަށެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، ގަލްފްގެ އަރަބި ގައުމުތަކުން މި ހަމަލާތައް ސިފަކޮށްފައިވަނީ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލް އަދި ޑްރޯން ބޭނުންކޮށްގެން ދެމުންދާ ވަރުގަދަ ނުރައްކާތެރި ހަމަލާތަކެއްގެ ގޮތުގައެވެ. މީގެ ތެރެއިން ބައެއް ހަމަލާތައް ހުއްޓުވި ނަމަވެސް، އެހެން ބައެއް ހަމަލާތަކުގެ ސަބަބުން އުމްރާނީ ވަސީލަތްތަކަށް ގެއްލުންވެ، އާންމުން މީހުން މަރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އީރާނުން ބުނަމުންދަނީ މި ހަމަލާތަކަކީ ބަދަލުހިފުމުގެ ގޮތުން ދޭ ދިފާއީ ހަމަލާތަކެއް ކަމަށާއި، މިހަމަލަ އަމާޒުކުރަނީ، ދުޝްމަން އެމެރިކާގެ އިންޓެލިޖެންސް އަދި އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ. އަދި މިއީ އަމިއްލަ ދިފާއުގައި ކުރާ ކަމެއް ކަމަށްވެސް އީރާނުން ބުނެއެވެ. ނަމަވެސް ގަލްފްގެ އަރަބި ގައުމުތަކުން މި ވާހަކަތައް ގަބޫލެއް ނުކުރެއެވެ. އެ ގައުމުތަކުން އދ. ގައި ބުނެފައިވަނީ މި ހަމަލާތަކުގެ ވަރުގަދަ ކަމާއި އޭގެ ބާވަތަށް ބަލާއިރު، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަދި މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް މިކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ހުޅަނގުގެ ގައުމުތަކުން ވަނީ މަސްރަހު ފިނިކުރުމަށް ގޮވާލާފައެވެ. ކެތްތެރިކަން އިސްކުރުމަށް ރަޝިޔާ އާއި ޗައިނާއިން ބާރުއެޅި ނަމަވެސް، އެދެ ގައުމުން ތެހެރާންގެ އަމަލުތައް ކުށްވެރިކޮށްފައެއް ނުވެއެވެ.
އީރާނުން ބުނަނީ މިކަން ފެށީކީ ތިމަންމެން ނޫން ކަމަށެވެ. މި ހަމަލަަތއް ފެށުނީ އެމެރިކާއާއި ސަހުޔޫނީން އީރާނާ ދެކޮޅަށް ޓެރަރިސްޓް ހަމަލަަތއް ދީ ޣީލާ މަރެއްގައި އީރާނުގެ ލީޑަރުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ދިވެހިރާއްޖެއިން ވަނީ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މީގެ ކުރިން އީރާނުން ދީފައިޥާ ހަމަލަތައްވެސް ރައްޖެއިން ވަނީ ސާބިތު ކަމާއެކު ކުށްވެރިކޮށްފައެވެ. ރާއްޖެއަކީ އަބަދުވެސް ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް ދެމެހެއްޓުމަށާއި ސަރަހައްދުގެ އެއްބައިވަންތަކަމަށް އިހުތިރާމް ކުރުމަށް ގޮވާލާ ސާބިތު ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.






