އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ވިދާޅުވާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅީގެ މިހާރުގެ ހާލަތަކީ ދުނިޔޭގެ ޝިޕިންގ ސިނާއަތަށް ކުރިމަތިވެފައިވާ "ބޮޑު ގޮންޖެހުމެކެވެ."
"ހުރުމުޒް ކަނޑުއޮޅީގެ ތެރޭގައި 20،000 ފަޅުވެރިން ތާށިވެފައި އެބަތިބި، އަދި ދަތުރު ނުކުރެވި 2،000 އެއްހާ އުޅަނދު އެބައޮތް،" ޑޮމިންގޭޒް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، "އެ އުޅަނދުތައް އެތަނުގައި ގިނަ ދުވަސްވާ ވަރަކަށް، ފަޅުވެރިން އުފުލަންޖެހޭ ނަފްސާނީ ބުރައާއި ވަރުބަލިކަން އިތުރުވެ، އުޅަނދުތައް ދުއްވުމަށް ބޭނުންވާ ސާމާނު ހުސްވުމުގެ ދަތިކަން ކުރިމަތިވަމުންދާނެ" ކަމަށެވެ.
އައި.އެމް.އޯ ގެ އެސްޖީ ވިދާޅުވި ގޮތުގައި، އިންޝުއަރެންސް ކުންފުނިތަކުން މި ގެއްލުންތަކުގެ ބުރަ ނުވަތަ ޚަރަދު އުފުލުމަށް ދަނީ އިންކާރު ކުރަމުންނެވެ. ގިނަ ކުންފުނިތަކުން ވަނީ އެއްބަސްވުންތައް އުވާލާފައި ނުވަތަ އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ބޮޑެތި އަދަދުތައް ނަގަން ފަށާފައެވެ.
މިއީ ތްރަމްޕް ދުނިޔެއަށް ޖައްސާފައިވާ މުސީބާތެކެވެ!
ކަނޑުއޮޅި ވަށައިގެންވާ ގައުމުތަކުން ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން، މިވަގުތު އެ އުޅަނދުތަކުގައި އިންސާނީ ކާރިސާއެއް ކުރިމަތިވިޔަނުދީ ހިފެހެއްޓިފައިވާ ކަމަށް ޑޮމިންގޭޒް ވިދާޅުވިއެވެ. އަދި އުޅަނދުތަކަށް އެ ސަރަހައްދުން ނުކުމެވޭނެ އިންސާނީ ކޮރިޑޯއެއް ގާއިމުކުރުމަށް އައި.އެމް.އޯ އިން ބާރުއަޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދިނުމަށް ގެންގުޅުއްވާ ދޯހަޅި ރޭވުމަކީ "ދެމެހެއްޓެނިވި" ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.






