އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމި ނިންމުމަކީ ގާނޫނީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ގޮތުން ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ބުނެ އެ ޖަމާއަތުން އެ ނިންމުން ވަރުގަދައަށް ކުށްވެރިކޮށްފިއެވެ. އައިއާރުޖީސީން ތުހުމަތުކުރާ ގޮތުގައި ބްރަސަލްސް އިން މި ފިޔަވަޅު އަޅާފައިވަނީ ހުޅަނގު އޭޝިއާގެ ހަގީގީ ހާލަތަށް ބެލުމެއް ނެތި، އެމެރިކާގެ ފިއްތުންތަކާ އެއްގޮތަށެވެ.
މި ނިންމުމާ ގުޅިގެން ނެރުނު ބަޔާނެއްގައި އައިއާރުޖީސީން ވަނީ އީރާނުގެ ސަރުކާރުގެ އިސްވެރިންނާއި ރައްޔިތުން ދައްކުވައިދިން "ގައުމީ އެއްބައިވަންތަކަމަށް" ޝުކުރު އަދާކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ގައުމީ ނުރައްކާތެރި ދަނޑިވަޅުތަކުގައި އައިއާރުޖީސީން އަދާކުރާ މުހިންމު ދައުރު އީރާނުގެ ރައްޔިތުން ބަލައިގަންނަކަން މިކަމުން ހާމަވާ ކަމަށެވެ.
ދައުލަތެއްގެ ރަސްމީ އަސްކަރީ ބާރެއް "ޓެރަރިސްޓް" ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުންތަކުގެ އަސާސީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އައިއާރުޖީސީން ބުނެއެވެ. އަދި މި ނިންމުމުގެ ސަބަބުން އެ ޖަމާއަތް ބަލިކަށިވުމުގެ ބަދަލުގައި، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އޮތް އަޒުމް އިތުރަށް ވަރުގަދަވެފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އައިއާރުޖީސީން ހަނދާންކޮށްދިން ގޮތުގައި، 2010 ގެ އަހަރުތަކުގައި އިރާގާއި ސޫރިޔާގެ ބޮޑު ބައެއް ހިސާރުކޮށްގެން އުޅުނު ދާއިޝް (އައިއެސް) ބަލިކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެ ޖަމާއަތުންނެވެ. މި މަސައްކަތުގެ ސަބަބުން ޓެރަރިޒަމް ޔޫރަޕާ ހަމައަށް ފެތުރުން ހުއްޓުވުނު ނަމަވެސް، އެކަމަށްޓަކައި އައިއާރުޖީސީގެ އެތައް ސަތޭކަ މެންބަރުންނާއި އިސް ކޮމާންޑަރުން ވަނީ ގުރުބާންވެފައެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވި ގޮތުގައި، ޔޫރަޕުން އަމާޒު މިހިފަނީ ޔޫރަޕްގެ ސިޓީތަކާ ހަމައަށް ޓެރަރިޒަމް ދިޔަ ނުދީ ހިފެހެއްޓި ބާރަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކުން އީރާނާ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކަށް ހިމާޔަތާއި ސިޔާސީ ފުރުސަތުތައް ދެމުންދާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމާ މެދު ހަނު ތިބޭ ކަމަށެވެ.
އައިއާރުޖީސީން ބުނެފައިވަނީ، ސިޔާސީ ގޮތުން ކަނޑައަޅާ މިފަދަ ނިންމުންތަކުގެ ސަބަބުން ގައުމު ހިމާޔަތްކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އީރާނުގެ އެތެރޭގައާއި ބޭރުގައި ކުރިއަށްގެންދާ ސަލާމަތީ އަދި މަދަނީ މިޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ބުނެފައިވެއެވެ.







