އިރާނުން ގަލްފުގެ ގައުމުތަކަށާއި ޖޯޑަންއަށް ދެމުންދާ ހަމަލާތައް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން މިއަދު ކުށްވެރިކޮށްފިއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް ބަދަލު ދިނުމަށް ތެހެރާނަށް ވަނީ ގޮވާލާފައެވެ.
ގަލްފު ގައުމުތަކާއި އަރަބި ގައުމުތަކުން ހުށަހެޅި ގަރާރެއް އެ ކައުންސިލުން ވަނީ ފާސްކޮށްފައެވެ. މި ގަރާރުގައި ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް އިރާނުން ދޭ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ހަމަލާތަކުގެ ސަބަބުން ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް ވަގުތުން އަދި ފުރިހަމަ ބަދަލު ދިނުމަށް އިރާނަށް ގޮވާލާފައިވެއެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ގަލްފު ގައުމުތަކާއި ޖޯޑަންގެ އެދުމުގެ މަތިން، "ސަރަހައްދުގެ ބައެއް ގައުމުތަކަށް އިރާނުން ދިން އުދުވާނީ ހަމަލާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރުތަކާ" ބެހޭގޮތުން ޖެނީވާގައި މިއަދު ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.

ކުވެއިތު، ބަހްރޭން، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަންއަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި ބައިނަލްއަގުވާމީ ސުލްހައާއި އަމާންކަމަށް އޮތް ނުރައްކަލެއްގެ އިތުރުން، އެ ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުން ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
މި މޭރުމުން، އިރާނުން ދޭ ގާނޫނާ ހިލާފު ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ވަކިވަކިން ނުވަތަ ގުޅިގެން އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އެ ގައުމުތަކަށް ލިބިގެންވާކަން ގަރާރުގައި ކަށަވަރުކޮށްދީފައިވެއެވެ.
އާންމުންނަށާއި އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ގަސްތުގައި ދޭ ހަމަލާތައް ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ހަކަތަ އުފައްދާ ވަސީލަތްތަކަށް ދޭ ހަމަލާތަކުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް އިހުތިރާމް ކުރުމަށާއި، ސަލާމަތީ މަޖިލީހުގެ 2026 ވަނަ އަހަރުގެ 2817 ނަންބަރު ގަރާރަށް ފުރިހަމައަށް އަމަލުކުރުމަށް ކައުންސިލުން އިރާނަށް ގޮވާލިއެވެ. ހަމައެއާއެކު، ހުރިހާ ހަމަލާތަކާއި އިންޒާރުތައް ވަގުތުން އަދި އެއްވެސް ޝަރުތަކާ ނުލައި ހުއްޓާލުމަށާއި، އާންމުންނާއި އާންމު ވަސީލަތްތައް ރައްކާތެރިކުރުން ކަށަވަރުކުރުމަށް ވެސް ވަނީ އެދިފައެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ވަނީ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް، ހާއްސަކޮށް ހުރުމުޒް ކަނޑުއޮޅިއަށް ކުރާ އަސަރުތަކާއި، އޭގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށާއި ހަކަތައިގެ ސަލާމަތަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
މީގެ އިތުރުން، މި މައްސަލަ މެދުނުކެނޑި ބަލަމުންދާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވެއެވެ. އަދި ކުރިއަށް އޮތް ދައުރުގައި، މަސްރަހަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތަކަށް ކުރާ އަސަރުތަކާ ބެހޭގޮތުން ކައުންސިލަށް މައުލޫމާތު ދިނުމަށް ހިއުމަން ރައިޓްސް ހައި ކޮމިޝަނަރަށް ވަނީ ގޮވާލާފައެވެ.







