ރަޝިޔާއިން އީރާނަށް އަސްކަރީ އެހީ ފޯރުކޮށްދޭން ފަށަނީ

ރަޝިޔާއިން އީރާނަށް އަސްކަރީ ޑްރޯންތަކާއި، ބޭހާއި ކާބޯތަކެތީގެ އެހީގެ ޝިޕްމަންޓްތަކެއް ފޮނުވުމުގެ މަސައްކަތް ނިންމުމާ ގާތްވެފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ. މިއީ މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރޭގައި ތެހެރާނަށް އެއްބާރުލުން ދިނުމަށް މޮސްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުގައި، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ތެހެރާނަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، ރަޝިޔާ އާއި އީރާނުގެ އިސް އޮފިޝަލުން ވަނީ ޑްރޯންތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ސިއްރު މަޝްވަރާތަކެއް ފަށާފައެވެ. މި މަޝްވަރާތައް ފަށާފައިވަނީ ހަމަލާތައް ދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ކަންހިނގާދިޔަ ގޮތް އެނގޭ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޝިޕްމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް މާޗު މަހުގެ ކުރީކޮޅު ވަނީ ފަށާފައެވެ. އަދި މި މަސް ނިމުމުގެ ކުރިން މި ތަކެތި ފޮނުވައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގައި އިސްރާއީލުން ވަނީ ކެސްޕިއަން ކަނޑު މެދުވެރިކޮށް ރަޝިޔާ އާއި އީރާނާ ދެމެދު އޮންނަ އަސްކަރީ މުހިންމު މަގަކަށް ހަމަލާދީފައެވެ. ރަޝިޔާއިން ވަނީ މި ސަރަހައްދަށް ހަނގުރާމަ ފުޅާނުކުރުމަށް އިންޒާރު ދިފައެވެ.

ހިއްސާ ކުރައްވާ!