އީރާނުގެ ސިފައިން ބުނަނީ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ފިލައިގެން ގޮސް ހޮޓާތަކުގައި ބޮނދައިގެން ތިބި އެމެރިކާ ސިފައިންގެ ހަރަކާތްތައް ތެހެރާނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ރަޝިޔާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާން ސިފައިންގެ ތަރުޖަމާނު ވަނީ އެމެރިކާ ސިފައިން ތިބޭ ކޮންމެ ހޮޓަލަކީ އީރާނުން ހަމަލަ ދޭނެ އަސްކަރީ އަމާޒެއްގެ ގޮތުގައި ބަލާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ އަސްކަރީ ތަރުޖަމާނު ވަނީ ގަލްފްގެ ގައުމުތަކަށް މުހިންމު ނަސޭހަތެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން އެމެރިކާ ސިފައިން ބޭރުކުރަން ޖެހޭ ކަމަށެވެ. އަދި އެ ގައުމުތަކުން އެމެރިކާ ސިފައިން ބޭރުނުކޮށްފިނަމަ، އެ މަރުކަޒުތަކަށް އިތުރު ބޮޑެތި ގެއްލުންތަކެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، އެމެރިކާގެ އެންމެ ޒަމާނީ އެފް-35 މަތިންދާބޯޓުތަކަކީ މިހާރު ރައްކާތެރި އެއްޗެއް ނޫންކަން އީރާނުން ސާބިތުކޮށްދީފައިވާނެ ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހުރުމުޒް ކަނޑުއޮޅި ދެން ކުރިން އޮތް ގޮތަށް ނޯންނާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.








