ޓްރަމްޕް ހަދަނީ ދޮގު، ހުރުމުޒު އޮތީ ބަންދުކޮށްފައި: އީރާން

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ހުރުމުޒު ކުރުމުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަން ހުކުރު ދުވަހު އިޢުލާނުކޮށްފިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، "އިސްރާއީލާއި އެމެރިކާގެ ދުޝްމަނުންގެ ބައިވެރިންނާއި މަދަދުގާރުންނާ" ގުޅުންހުރި އެއްވެސް އުޅަނދަކަށް އެއްވެސް މަގަކުން ނުވަތަ މަންޒިލަކަށް ދަތުރުކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ކަނޑައަޅާފައެވެ.

އައި.އާރު.ޖީ.ސީ އިން އިތުރަށް ބުނެފައިވަނީ ހުރުމުޒް ކަނޑުއޮޅި މިހާރު އޮތީ ބަންދުކޮށްފައި ކަމަށާއި، އެ މުހިންމު ސަރަހައްދުން ދަތުރުކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކަށް "ހަރުކަށި ފިޔަވަޅުތަކާ" ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތަފާތު ޤައުމުތަކަށް ނިސްބަތްވާ މުދާ އުފުލާ ތިން ބޯޓަކަށް އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން އިންޒާރު ދިނުމާ ގުޅިގެން އެ ބޯޓުތައް ވަނީ އަނބުރާ ދާން މަޖުބޫރުވެފައެވެ. ސިޕާ ނިއުސް ޕްލެޓްފޯމުގައި ޝާއިޢުކުރި ބަޔާނެއްގައި، އައި.އާރު.ޖީ.ސީ އިން ވަނީ އެ ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް ބުނެ އެމެރިކާއިން ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

"ހުރުމުޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ހެއްދެވި އިތުރުފުޅުތަކާ ގުޅިގެން، ކޮންޓެއިނަރު އުފުލާ ތިން ބޯޓަކަށް އިންޒާރުދީ، އައި.އާރު.ޖީ.ސީގެ ކަނޑުގެ ސިފައިން ވަނީ އެ ބޯޓުތަކުގެ މިސްރާބު ބަދަލުކުރުވާފައި،" އެ ބަޔާނުގައިވެއެވެ.

އައި.އާރު.ޖީ.ސީގެ ނިންމުން ތަކުރާރުކުރަމުން ބުނެފައިވަނީ، "ޒަޔަނިސްޓް-އެމެރިކާގެ ބައިވެރިންނާ" ގުޅުންހުރި ބަނދަރުތަކަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް އެއްވެސް ހާލަތެއްގައި އެ ސަރަހައްދުން ދަތުރުކުރުން މަނާވާނެ ކަމަށެވެ.

މި އިންޒާރު ދީފައިވަނީ، ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނަށް ދީފައިވާ މުހުލަތު މާޗު 28 އިން އޭޕްރިލް 6 އަށް ޑޮނަލްޑް ޓްރަމްޕް އިތުރުކޮށްދެއްވާފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވީ މި މުހުލަތު އިތުރުކުރީ ތެހެރާނުގެ އެދުމުގެ މަތިން ކަމަށާއި، އެއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަޝްވަރާކުރުމަށް އީރާނުން ވަގުތު ބޭނުންވާތީ ކަމަށެވެ. އީރާނުން ބުނަނީ އެެމެރިކާ ރައީސް ހަދަނީ ބުހުތާން ދޮގު ކަމަށެވެ.

ނަމަވެސް، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އެމީހުންގެ ރައްދު ދޭނީ އަމިއްލަ އުސޫލުތަކުގެ މަތިން ކަމަށާއި، އިސްރާއީލަށާއި ގަލްފް ސަރަހައްދުގައިވާ އަމާޒުތަކަށް ދެމުންދާ އަސްކަރީ ހަމަލާތައް މަޑުޖައްސާލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ.

ހަރުކަށި އިބާރާތުން އީރާނުން ދިން އިންޒާރެއްގައި، އައި.އާރު.ޖީ.ސީ އިން ވަނީ "އެމެރިކާ-ޒަޔަނިސްޓް ބާރުތަކުން" އާންމުން އައްޑަނައެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކޮށް، އެމެރިކާގެ ސިފައިން ހޮޓާތަކަށ ްވަދެ ފިލާފައި ތިބޭ ސަރަހައްދުތަކުން މީހުން ހުސްކުރުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!