ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ތާއީދުކުރައްވައިފިއެވެ. ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު ވެސް އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އެމްއެމްޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ފުއާދު ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މުޅި ގައުމަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ. އަދި ރިޔާސީ ނިޒާމުން ވެރިކަން ހިންގާ ގިނަ ގައުމުތަކުގައި ވެސް އަމަލުކުރަމުންދަނީ އެ އުސޫލުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުއާދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބާ ދެމެދު އޮންނަ 6 މަސް ދުވަހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ހަ މަސް ދުވަހެވެ.
"ދެ އިންތިހާބު ދެމެދު އޮންނަ 6 މަސް މިހާރު ވެފައި މި އޮތީ ހަނގުރާމައިގެ 6 މަހަށް. ސަރުކާރަށް ޖެއްސުން ކުރުމުގެ 6 މަހަށް. ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަންވީ އެ 6 މަސް ދުވަހު ސަރުކާރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ އެ މައްސަލަ ހައްލުކުރަން،" ފުއާދު ވިދާޅުވިއެވެ.
މީގެ ކުރިން އެމްޑީޕީގެ ސަރުކާރުގައި ވެސް މިކަމާ ގުޅޭގޮތުން ނުރަސްމީ މަޝްވަރާތަކެއް ކުރެވުނުކަން ފުއާދު ހާމަކުރެއްވިއެވެ. ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމުން އެކަން ހަނދާން ނައްތާލީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭރުވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ ކަންކަން އަވަސްކުރުމަށް ލަފާދެއްވި ކަމަށާއި، އެގޮތަށް ކަންކުރުމުން ދެން އަންނަ ސަރުކާރުތަކަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ އިލެކްޝަންސް ކޮމިޝަނަރ ފުއާދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިޚާބު ދެމެދު އޮންނަ މުއްދަތުގައި އިދިކޮޅު މަޖިލީހަކުން ސަރުކާރަށް ދުއްތުރާ ކުރުމުގެ ނަތީޖާއަކީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅުމެވެ. އެހެންކަމުން މި މައްސަލައަށް އޮތް ހައްލަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.




