އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅު މުއާހަދާއިން ވަކިވެ ނިއުކްލިއާ ބޮމެއް ޓެސްޓް ކުރާނެ

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތެހެރާން ދާއިރާގެ މަންދޫބު މާލިކް ޝަރީއަތީ ހާމަކުރެއްވި ގޮތުގައި، ގާނޫނު ހަދާ މަޖިލީހަށް މިހާރު ވަނީ ނިއުކްލިއާ ސިޔާސަތާ ގުޅޭ ބަދަލުތައް ގެނައުމަށް މުހިންމު ބިލެއް ހުށަހަޅާފައެވެ. މި ބިލަކީ ކުއްލި މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާ ބިލެކެވެ.

މި ބިލުގައި މައިގަނޑު ތިން ކަމެއް ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާ ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އެންޕީޓީ) އިން އީރާން ވަކި ވުމެވެ.
މީގެ އިތުރުން ނިއުކްލިއާ އެއްބަސްވުން ތަންފީޒު ކުރުމަށް ހަދާފައިވާ ގާނޫނުތައް އުވާލުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުގެ ދަށުން ތިންވަނަ ކަމަކަށް ހުށަހަޅާފައިވަނީ އީރާނާ އެއްގޮތް ވިސްނުންތަކެއް ގެންގުޅޭ ގައުމުތަކާއެކު އައު ބައިނަލްއަގުވާމީ އެއްބަސްވުންތަކެއް ގާއިމުކުރުމަށެވެ.
މީގެ ތެރޭގައި ބްރިކްސް އަދި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ފަދަ ޖަމާއަތްތަކުގެ ގައުމުތަކާއެކު ސުލްހަވެރި ބޭނުންތަކަށް ނިއުކްލިއާ ޓެކްނޮލޮޖީ ކުރިއެރުވުމަށް އެއްބަސްވުންތައް އެކުލަވާލުން ހިމެނެއެވެ.

އީރާނުން މިފިޔަވަޅު އަޅަނީ އެންޕީޓީގައި ބައިވެރި ނުވާ ޔަހޫދީ ދައުލަތުން ނިއުކްލިއަރ ބޮމެއް ހަދާފައި ވުމާއި އެމީހުން މުއާހަދާގައި ބައިވެރި ނުވާއިރު އެކަމުން އެމީހުންނަށް އެއްވެސް ބައިނަލްއަގްވާމީ ހުރަހެއް ކުރިމަތި ކޮށްފައި ނެތުމާއެކު އީރާނަށް ހުރިހައި ފިއްތުންތައް ފިއްތަމުން ދިއުމެވެ.

މާލިކް ޝަރީއަތީ އިތުރަށް ވިދާޅުވި ގޮތުގައި މި ބިލަކީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު ބައިނަލްއަގުވާމީ ދުނިޔެއިން ބަލަމުންދާ ދަނޑިވަޅެއްގައި އެޅުމަށް ނިންމާފައިވާ ވަރުގަދަ ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!