މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގެ ރައީސްކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކު އިރުއުތުރު، ހިތިގަސް މަގުގެ 5 ނަންބަރު ގޯޅި ކަންމަތީގައި ހުންނަ މި އޮފީސް، ރޭ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވަނީ އަލައިކާގެ ކެމްޕެއިންގެ ޝިއާރު ކަމަށްވާ "ބަދަހި އާއިލާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މި ޝިއާރުގެ ދަށުން އަލައިކާ ވަނީ އޭނާގެ ކެމްޕެއިން ސިޔާސަތުތަކުގެ ތަފްސީލީ މަޢުލޫމާތު އާންމުންނާ ހިއްސާކުރައްވާފައެވެ.
އަލައިކާގެ ސިޔާސަތުތައް ބިނާވެފައިވަނީ މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އޯގާތެރިކަމާއެކު އަޅާލުން އިތުރުކުރުމުގެ ގޮތުން ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލުއިކޮށްދިނުމަށް 'ޗައިލްޑް ކެއާ' އާއި 'އާފްޓަރ ސްކޫލް' ޕްރޮގްރާމްތައް ގާއިމްކުރުން ހިމެނެއެވެ. އަދި އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަށްޓަކައި، ކޮންމެ ގެއަކުން ނުކުމެގެން 10 މިނެޓުން ދެވޭ ހިސާބުގައި ރައްކާތެރި ޕާކުތަކާއި އާއިލީ މައިޒާންތައް ގާއިމްކުރުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ 'ރިމޯޓް ވޯކިންގ' ޕްލެޓްފޯމްތަކާއި، އަންހެނުންގެ ކޯޕަރޭޓިވްތައް ގާއިމްކުރުމަކީ އަލައިކާގެ މުހިންމު ސިޔާސަތެކެވެ. މީގެ ބޭނުމަކީ އާއިލީ ޒިންމާތަކާއެކު އަންހެނުންނަށް މާލީ މިނިވަންކަން ހޯދައިދިނުމެވެ.
އަލައިކާ ފާހަގަކުރެއްވި ގޮތުގައި މި ސިޔާސަތުތަކަކީ ސީދާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި، ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާއޭގެ ނާރެހަކަށް އާއިލާވެގެންދާ 'ފެމިލީ ސެންޓްރިކް' ސިޔާސަތުތަކެކެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ކުރިމަތިލެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް މާލޭގެ އިޖުތިމާއީ ޙާލަތު ބަދަލުކުރުމުގެ އުންމީދުގައެވެ.
އަލައިކާގެ އަމާޒަކީ މާލެ ސިޓީއަކީ އާއިލާތަކަށް އޯގާތެރި އަދި ބަދަހި ތަނަކަށް ހެދުމެވެ. އަދި މާލޭގެ ހުރިހާ އާއިލާތަކުން އޭނާގެ މި މަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދެއްވުމަށް އަލައިކާ ވަނީ އެދިވަޑައިގެންފައެވެ.




